ވިޔަފާރި

އެފްއެސްއެމްގެ ތިލަފުށީ ޕެޓްރޯލް ޝެޑުން ޙިދުމަތްދޭ ވަގުތުތަކަށް ބަދަލުތަކެއް


އެފްއެސްއެމްގެ ތިލަފުށީ ޕެޓްރޯލް ޝެޑުން ޙިދުމަތްދޭ ވަގުތައް ބަދަލުގެނެސްފިއެވެ.

އެފްއެސްއެމްގެ ޕެޓްރޯލް ޝެޓްތަކުން ޙިދުމަތްދޭ ވަގުތުތަކަށް ބަދަލުގެނެސްފައި މިވަނީ ކޯވިޑް19 ހުއްޓުވުމުގެ ގޮތުން މާލެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

އެފްއެސްއެމްއިން ބުނީ މިއަދުން ފެށިގެން ތިލަފުށީގައި ހުރި އެ ކުންފުނީގެ ޕެޓްރޯލް ޝެޑުން ޙިދުމަތްދޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 4:30 އަށެވެ. ހުކުރު ދުވަހު ޙިދުމަތްދޭނީ މެންދުރުފަހު 2:00 އިން ހަވީރު 4:30 އަށެވެ. މީގެކުރިން ތިލަފުށީ ޕެޓްރޯލް ޝެޑުން ޙިދުމަތްދެމުން އައިސްފައިވަނީ ހެނދުނު 8:30 އިން ރޭގަނޑު 9:00 އަށެވެ.

އެފްއެސްއެމްއިން ބުނީ މިމަހުގެ 16 އިން ފެށިގެން މާލެ އަދި ހުޅުމާލޭގައި ހުރި އެ ކުންފުނީގެ ހުރިހާ ޕެޓްރޯލް ޝެޑްތަކުން ޙިދުމަތްދޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން އިރުއޮއްސި 6:00 ޖެހުމާއި ހަމައަށްކަމަށެވެ. އަދި ހުކުރު ދުވަހު ޙިދުމަތްދޭނީ މެންދުރުފަހު 2:00 އިން އިރުއޮއްސި 6:00 ޖެހުމާއި ހަމައަށްކަށެވެ. މީގެކުރިން ސްޓެލްކޯ ކައިރީގައި ހުރި ޕެޓްރޯލް ޝެޑާއި ހުޅުމާލޭ ޕެޓްރޯލް ޝެޑުން ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށް އައީ ޙިދުމަތްދެމުންނެވެ.

މާލޭގެ ހަތަރު ސަރަޙައްދެއްގައި އެފްއެސްއެމް ޕެޓްރޯލް ޝެޑުތައް ހުރެއެވެ. އެއީ އައިޖީއެމްއެޗް ކައިރީގައާއި، އިންޑަސްޓްރިއަލް ވިލެޖުގައާއި، ކާނިވާ ސަރަޙައްދުގައި އަދި ސްޓެލްކޯ ކައިރީގައެވެ. ހުޅުމާލޭގައި ހުންނަނީ އެފްއެސްއެމްގެ އެންމެ ޕެޓްރޯލް ޝެޑެކެވެ.

ކޮންމެ ޕެޓްރޯލް ޝެޑެއްވެސް ބަންގި ވަގުތުގައި 25 މިނެޓަށް ބަންދުކުރާނެއެވެ. އަދި ޙިދުމަތްހޯދަން އަންނަ ފަރާތްތަކުން މާސްކް އަޅައި، އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށް އެފްއެސްއެމްއިން ވަނީ އެދިފައެވެ.

ކޯވިޑް19 ފެތުރުން މާލެ ސަރަހައްދުގައި އަނެއްކާވެސް އިތުރުވުމާއި ގުޅިގެން އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.