ޚަބަރު

މިމަހުގެ 23ގެ ފަހުން ކާފިއު ގަޑީގައި ނޫސްވެރިން ބޭނުންކުރުމަށް ޚާއްސަ ފާހެއް ދޫކުރަނީ


މިމަހުގެ 23ގެ ފަހުން ކާފިއު ގަޑީގައި ނޫސްވެރިން ބޭނުންކުރުމަށް ޚާއްސަ ފާހެއް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް މީޑިޔާ ކައުންސިލުން ހާމަކޮށްފިއެވެ. މީޑިޔާ ކައުންސިލުން މިކަން ހާމަކޮށްފައިވަނީ ބޭރުގައި އުޅުން މަނާ ގަޑިތަކުގައާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ގަޑިތަކުގައި ނޫސްވެރިންގެ ޒިންމާ އަދާކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ބައްދަލުކޮށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ނިންމި ކަންތަކާ ގުޅޭ މަޢުލޫމާތު ހާމަކުރަމުންނެވެ.

މި ބައްދަލުވުމުގައިވަނީ މާލެ ސަރަހައްދުގައި މަގުމައްޗަށް ނުކުތުމާއި ބޭރުގައި އުޅުން މަނާ ގަޑިތަކުގައާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ގަޑިތަކުގައި ނޫސްވެރިން މިހާރުވެސް ބޭނުން ކުރަމުންދާ މީޑިއާ ފާސް މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް ބޭނުންކުރެވޭ ގޮތަށް ނިންމާފައެވެ.

މިމަހުގެ 23ގެ ފަހުން ނޫސްވެރިން ބޭނުން ކުރުމަށް ޚާއްސަ ފާހެއް ދޫކުރުމަށް ނިންމާފައިވާއިރު މިކަމަށް ޚާއްސަ އިޖުރާއަތްތަކެއް ކަނޑައެޅުމަށް މީޑިއާ ކައުންސިލްއިންވަނީ ނިންމާފައެވެ. އަދި މި ފާހަށް އެދި ހުށަހެޅުމުގެ ފުރުސަތު މީޑިއާ ތަކަށް ހުޅުވާލާނެކަމަށް މީޑިއާ ކައުންސިލުން މައުލޫމާތުދެއެވެ.

މީޑިޔާ ކައުންސިލުންވަނީ ކޯވިޑް-19 ހަލުވި ކަމާއެކު ފެތުރެމުންދާ މި ދުވަސްވަރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކާއި ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކޮށް އެއްބާރުލުން ދިނުމަށް ހުރިހާ މީޑިއާތަކަށް ގޮވާލާފައެވެ. އަދި ނޫސްވެރިންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ފާހަކީ ނޫސްވެރިންގެ ޒިންމާ އަދާކުރުމަށް ދޫކުރާ ފާހަކަށް ވާއިރު ނަހަމަ ގޮތުގައި ފާހުގެ ބޭނުން ނުކުރުމަށްވެސް މީޑިއާ ކައުންސިލުންވަނީ ހުރިހާ ނޫސްވެރިންނަށް އިލްތިމާސް ކޮށްފައެވެ.

ކޯވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން އަންނާތީ އެޗްޕީއޭގެ ފަރާތުންވަނީ ފިޔަވަޅުތައް ހަރުދަނާ ކޮށްފައެވެ. އެގޮތުން އިރުއޮއްސި 6 އިން ފެށިގެން ފަތިހު 6 އާއި ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމަކީ މަނާ ކަމެއްކަމުގައި ވަނީ ކަނޑައަޅާފައެވެ. އަދި ރޭގަނޑު 11 އިން ފެށިގެން ފަތިހު 4:30 އާއި ހަމައަށް މަގު މައްޗަށް ނުކުތުމާއި ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ.