ވިޔަފާރި

ކޯވިޑް-19 : ސަރުކާރުން ކުރި ހޭދަ 3 ބިލިއަން ރުފިޔާގައި


ކޯވިޑް19ގެ އެކިކަންކަމަށް މިހާތަނަށް ސަރުކާރުން 3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޙަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ޢާންމުކޮށްފައިވާ "ވީކްލީ ކޯވިޑް-19 ސްޕެންޑިން" ރިޕޯޓުގައިވާގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކޯވިޑުގެ ހާލަތުން އަރައިގަތުމަށް ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކަށް ވަނީ 1.4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޙަރަދުކޮށްފައެވެ. އަދި އިކޮނޮމިކް ރެސްޕޯންސް ސްޕެންޑިންއަށް 1.5 ބިލިއަނަށް ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ މަސައްކަތްތަކަށެވެ. އެ ސެންޓަރުގެ މަސައްކަތްތަކަށް 867.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއަށް 356.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ކޯވިޑް-19 އަށް ސަރުކާރުން ކުރާ ހޭދައިން އެންމެ ބޮޑު ޙަރަދެއް ހިންގާފައިވާ މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ. އެގޮތުން މި ތަކެތި ހޯދަން މިހާތަނަށް 635.3 މިލިއަން ރުފިޔާ ވަނީ ހޭދަކުރައްވާފައެވެ.

އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންއަށް މިހާތަނަށް 1.5 ބިލިއަން ޙަރަދުކޮށްފައިވާއިރު މިއީ ކޯވިޑް19އާ ގުޅިގެން މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވަމުންދާ އާއްމު ފަރުދުންނާއި، ގޭބީސީތަކާއި، އަދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ސަރުކާރުން ތަޢާރަފްކޮށްފައިވާ ސްކީމެކެވެ.

އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންގެ ދަށުން ކޯވިޑް ރިކަވަރީ ލޯން ސްކީމްއަށް މިހާތަނަށް ވަނީ 1.2 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އަދި އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 259 މިލިއަން ރުފިޔާ ދީފައިވާއިރު، ކަރަންޓު ބިލްތަކަށް ޑިސްކައުންޓުގެ ގޮތުގައި 117.7 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.