ކޯވިޑް-19

ފުރަބަންދުގައި ދޫކުރި ފާސްތައް މިހާރު ބޭނުމެއްނުކުރެވޭނެ - ފުލުހުން


މާލޭ ސަރަހައްދު ކުރިން ފުރަބަންދުކުރި އިރު ޒަރޫރީ ބޭނުންތަކަށް ނުކުތުމަށް ދޫކުރި ފާސްތައް މިހާރު ބޭނުންނުކުރެވޭނެކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ހާމަކުރައްވައިފިއެވެ.

ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވެ އަދަދުތައް 200 މައްޗަށް މިހާރުވަނީ އަރާފައެވެ. މި ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވޭނެ ގަޑިތަކާއި ބޭރުގައި ނުކުމެ އުޅެވޭނެ ގަޑިތައް ކަނޑައަޅާ އެޗްޕީއޭއިން ވަނީ އިއުލާންކޮށްފައެވެ. މި ބަދަލުތަކާއި އެކު އިރުއޮއްސި ހަޔަކުން ފަތިހު ހަޔަކަށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެކެވެ. އަދި ރޭގަނޑު 11:00 ފަތިހު 04:30 ބޭރަށް ނުކުމެ އުޅުމަކީވެސް މަނާކަމަކެވެ.

ދުއްވުން މަނާ ގަޑިތަކުގައި ޒަރޫރީ އެކި ބޭނުންތަކަށް ބޭރަށް ނުކުންނަށް ޖެހޭ ފަރާތްތަކަށް ފުލުހުން އަންނަނީ ވަކި ހުއްދައެއް ދޫކުރަމުންނެވެ. އެ އިދާރާއިން ވިދާޅުވީ މިދިޔަ އަހަރު ކުރި ފުރަބަންދުގެ ދުވަސްވަރު އެކި ބޭނުންތަކަށް ދޫކުރި ފާސްތައް ބައެއް ފަރާތްތަކުން ބޭނުންކުރަމުން އަންނަކަމަށެވެ. އެހެންމަމަވެސް އެ ފާސްތައް މިހާރު ބޭނުން ނުކުރެވޭނެކަމަށާއި އެފާސްތައް ހިފައިގެން މަނާ ގަޑިތަކުގައި އުޅޭ ފަރާތަކަށް ކަނޑައެޅިފައިވާ އުސޫލުން އަދަބު ދެމުން އަންނާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައާއި ކާފިއު ވަގުތު ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުން ކުރުމަށް ނުވަތަ ބޭރަށް ނުކުތުމަށް ޕޮލިސް ޕަރމިޓަށް އެދުމަށް ކަނޑައަޅަފައިވާ ޕޯޓަލްއަކީ police.gov.mv/permit އެވެ. އަދި ޕޮލިސް ޕަރމިޓް ސެންޓަރ އަށް ގުޅޭނެ ނަންބަރެއްގެ ގޮތުގައި 1665އަށް ގުޅޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.


ފުލުހުން ވިދާޅުވީ 24 ގަޑިއިރު ޑިއުޓީ ފުރަންޖެހޭ އޮފީސްތަކުގެ މުވައްޒަފުންނާއި ކެފޭ ރެސްޓޯރަންޓްތަކުން ޑެލިވަރީ ކުރާ ފަރާތްތަކާއި ކުއްލި އެމަޖެންސީގައި ނުކުންނަށް ޖެހޭ ފަރާތްތަކަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދަދެމުން އަންނަކަމަށެވެ. އަދި މި ހުއްދައަށް އެދުމުން އެމީހެއްގެ ފޯނަށް އެސްއެމްއެސް މެސެޖެއްގެ ގޮތުގައި ހުއްދަ ލިބިގެންދާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކެފޭ ރެސްޓޯރަންޓްތަކުން ޑެލިވަރީކުރުމުގެ ހުއްދަ ދީފައިވަނީ އިރުއޮއްސި 18:00 އިން 22:30 ގެ ނިޔަލަށެވެ. މި ގަޑީގެ ފަހުން ޑެލިވަރީގެ ހިދުމަތް ދިނުމަކީ މަނާކަމެކެވެ. އަދި ޑެލިވަރީކުރާ ތަންތަނުގެ ކޮންމެ ތަނަކަށްވެސް ދެ އުޅަނދަކަށް ހުއްދަދޭނެކަމަށްް ފުލުހުން ވިދާޅުވެއެވެ.

ޓެކްސީ ސެންޓަރުންތަކުން ކޮންމެ ސެންޓަރަކަށް 10 ހުއްދަ ދޫކޮށްފައިވާނެކަމަށާއި މި ހުއްދައިގެ ދަށުން ދުއްވުން މަނާ ގަޑިތަކުގައިވެސް ދުއްވޭނެކަމަށް ފުލުހުން ވިދާޅުވެއެވެ. ޕަބްލިކް ޓްރާންސްޕޯޓް ދަތުރުތަކުން މާލެ ހުޅުމާލެ ބަހުގެ އެންމެ ފަހުގެ ދަތުރު އޮންނާނީ 22:30 ގައެވެ. އަދި ވިލިމާލެ ފެރީތައްވެސް 22:30ގެ ފަހުން ހުއްޓާލަން ޖެހެއެވެ.

ކޯވިޑްގެ ހާލަތު ގޯސްވަމުން އަންނާތީ ކާފިއު މާލޭ ސަރަހައްދުގައި އިއުލާންކުރުމުގެ އިތުރުން މާލޭ ސަރަހައްދުގައި 10 މީހުންނަށް ވުރެ ގިނަ މީހުން އެއްކޮށް މަގުމައްޗަށް ނުކުމެ އުޅުމަކީވެސް މަނާކަމެކެވެ.