ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދީ، ޕާސްޕޯޓު ދޫކުރުމަށް ދަށު ކޯޓުން ކުރި ޢަމުރު އިސްތިއުނާފްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމަވައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ، ޢަލީ ވަޙީދުގެ ޕާސްޕޯޓާ ގުޅިގެން ކުރިމިނަލް ކޯޓުން ނިންމި ނިންމުން ޕީޖީ އޮފީހަށް ލިބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު 11:30 ހާއިރުކަމަށެވެ. އެވަގުތުން ފެށިގެން 48 ގަޑިއިރު ތެރޭ ހައިކޯޓަށް ހުށަހަޅަންޖެހޭކަމަށާއި، އެހެންކަމުން އެމަސައްކަތް މިހާރު ކުރަމުން އަންނަކަަމށެވެ. ޕީޖީ ވިދާޅުވީ، ޢަލީވަޙިދާ ޖާމިނުވިގޮތާބެހޭ ލިޔެކިޔުން އަދިވެސް ނުލިބޭކަމަށެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުމުގައި ޖާމިނުވެފައިވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްޢަދު އަލީއެވެ. ޕާސްޓްޕޯޓް ދޫކޮށްލުމުން ޢަލީ ވަޙީދު ވަޑައިގެންފައިވަނީ އިނގިރޭސި ވިލާތަށެވެ.
ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލާގައި އޭނާގެ ޕާސްޓްޕޯޓް ހިފަހައްޓާއިފައި އޮތުމަށްފަހު، އަމުރު މުރާޖައާ ކުރަން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުން ވަންނީ އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްދިނުމަށް ޑޮކަޓަރަކު ހާޒިރުކޮށްފައެވެ. ޑޮކްޓަރު ވަނީ ޢަލީ ވަޙިދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަަމަށް ވިދާޅުވެފައެވެ. ޝަރީޢަތުން ވަނީ އެކަމަށް ރިޔާޢަތްކުރައްވާ އޭނާގެ ޕާސްޓްޕޯޓް ހިފެހެއްޓުމަށް ނެރުނު ޢަމުރު ބާޠިލްކޮށްފައެވެ. ޢަލީ ވަހީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާތީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަންޖެހޭކަމަށް ވިދާޅުވެ ޑރ.ޔޫސުފް ޝާން ދެއްވި ހެކިބަހުގެ މައްޗަށް ރިޔާޢަތްކޮށެވެ.
ޢަލީ ވަޙީދުގެ ޕާސްޕޯޓާ ގުޅިގެން ކުރުމިނަލް ކޯޓުން ނިންމި ނިންމުން ޕީޖީ އޮފީހަށް ލިބުނީ ބުރާސްފަތި ދުވަހުގެ މެންދުރު 11:30 ހާއިރު. އެވަގުތުން ފެށިގެން 48 ގަޑިއިރު ތެރޭ ހައިކޯޓަށް ހުށަހަޅަންޖެހޭ. އެމަސައްކަތް މިދަނީ ކުރަމުުން. ޖާމިނުވިގޮތާބެހޭ ލިޔެކިޔުން އަދިވެސް ނުލިބޭ!
— Hussain Shameem (@HuShameem) February 13, 2021
ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދީ، ޕާސްޕޯޓު ދޫކުރުމުގެ އަމުރު ކޯޓުން ނެރެފައިވަނީ ޢާންމުކޮށް އެބާވަތުގެ އަމުރު ނެރުމުގައި އަމަލުކުރާ އުސޫލުތަކާ ޚިލާފަށްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، އެއްވެސް މީހަކު ޖާމިނުކޮށް ޕާސްޕޯޓު ދޫކުރުމަށްވެސް ދައުލަތުން ޝަރީއަތުގައި ދެކޮޅު ހަދާފައިވާކަމަށެވެ. އަދި، ކޮންމެހެން ފުރަންޖެހޭ ހާލަތުގައިވެސް، ޖާމިނުކޮށް ވަކި މުއްދަތަކަށް ގައިދުކޮށްފައިވާ ޓްރަވެލް ޑޮކިއުމަންޓެއް ދޫކުރުމަށް ދަންނަވާފައިވާނެކަމަށް ވެސް މިބަޔާނުގައި ޕީޖީ އޮފީހުން ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. އަދި އެ މައްސަލަތަކުގެ އަޑުއެހުންތައްވެސް ވަނީ ފަށާފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު ޖިންސީ އަނިޔާ ކުރިކަަމަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނާގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައި ވާއިރު މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އަދި މިމައްސަލާގެ ތަހުޤީގަށް ސުވާލުކުރުމަށް ޢަލީ ވަހީދުވެސް ވަނީ ފުލުހުންގެ ޢިދާރާއަށް ހާޒިރުކޮށްފައެވެ. މީގެ އިތުރުން މިމައްސަލައާއި ގުޅޭ އިތުރު ހެކި ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށްވެސް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ.
މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ވަޒީރުކަމުން އިސްތިއުފާދެއްވުމަށް ޢަލީ ވަޙީދު އެންގެވިއެވެ. އެހެންނަމަވެސް ޢަލީ ވަޙީދު މަޤާމުން އިސްތިއުފާނުދެއްވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޓްއަރިޒަމް މިނިސްޓްރީގެ ވަޒީރުކަމުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 9 ވަނަދުވަހު އޭނާ ވަކިކުރައްވާފައެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އަމިއްލަ ފުޅަށް އަރުވާލެވިގެން އިންގިރޭސިވިލާތުގައި ޢަލީ ވަޙީދު ހުންނެވިއެވެ.