ޚަބަރު

މާލޭގައި ހަވީރު 6 އިން ފެށިގެން އެއްގަމު އުޅަނދު ދުއްވުން މަނާ


މާލޭ ސަރަހައްދުގައި މިއަދު ހަވީރު 6 ފެށިގެން ފަތިހު 6 ކަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.

ހެލްތް އިމަޖެންސީ އޮޮޕަރޭޝަން ސެންޓަރުން ވިދާޅުވީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާތީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މިރެއިން ފެށިގެން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި ހަވީރު 06:00 އިން ފަރިހު 06:00 އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެއްކަމަށެވެ.

ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މިމަހުގެ އެއްވަނަދުވަހު ފެށިގެންވެސް ވަނީ މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަކި ވަގުތަކަށް މަނާކޮށްފައެވެ. މިހާތަނަށް މި ވަގުތު އޮތީ ރޭގަނޑު 20:30 ފަތިހު 04:00 އަށެވެ. މަގުމަތޫގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ އިތުރުން މާލޭ ސަރަހައްދުގައި ވަނީ ކާފިއުވެސް އިއުލާންކޮށްފައެވެ. މިގޮތުން ރޭގަނޑު 11:30 ފަތިހު 04:00 މަގުމައްޗަށް ނުކުމެ އުޅުމަކީ މަނާކަމެކެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޭރަށް ނުކުމެ އުޅޭ އިރު މާސްކު އެޅުމަކީ މަޖްބޫރުކަމެއްގެ ގޮތުގައި މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ވަނީ ކަނޑައަޅާފައެވެ.

ފުލުހުން ވިދާޅުވީ އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލްތަކާއި ހިލާފުވާ ފަރާތަކާއި ދެކޮޅަށް އެއްވެސް އިންޒާރެއް ނަސޭހަތެއް ދިނުމެއް ނެތި ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ ކޭސްތައް 100 ދަށުގައި ހުރުމަށްފަހު މިއަހަރު ފެށުނު ފަހުން މިއަދަދުތައް އިތުރުވަމުން އައިސް 200 ވުރެ މައްޗަށްވެސް ވަނީ އަރާފައެވެ. އަދި މި އަދަދުތައް 100 ދަށަށް ނުދާތާ މިހާރު މިވަނީ މަހެއް ވާން ގާތްވެފައެވެ. ވޭތުވެދިޔަ 24 ގަޑިއިރުވެސް ރާއްޖެއިން ވަނީ 186 މީހަކު މި ބަލިޖެހިފައެވެ. މީގެތެރެއިން 162 މީހުންނަކީ މާލޭ ސަރަހައްދުން މި ބަލި ޖެހިފައިވާ މީހުންނެވެ. 14 މީހުންނަކީ މީހުން ދިރިއުޅޭ އެކި ރަށްރަށުން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންނެވެ.

ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދު ގިނަވެ މި ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު ވަނީ 2200 ވުރެ މައްޗަށް އަރާފައެވެ. އަދި ބަލީގެ ހާލު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުްނގެ އަދަދުވެސް ވަނީ 200 ވުރެ މައްޗަށް އަރާފައެވެ.