މާލެ ސަރަހައްދުގެ މަސް ގަންނަ ފެސިލިޓީތަކަށް މަސް ވިއްކުމަށް އަންނަ މަސް ދޯނިފަހަރުން އެއްގަމަށް ނުފައިބާ މަސް ވިއްކުމުގެ މަރުހަލާ ފުރިހަމަކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން މަސްވެރިންނަށް މިހެން އަންގާފައިވަނީ ރާއްޖޭގައި ހާއްސަކޮށް މާލެ ސަރަހައްދުގައި ކޯވިޑްގެ ކޭސްތައް އަނެއްކާވެސް އިތުރުވަމުން އަންނާތީއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަން ދިވެހިރާއްޖޭގައި ފެތުރޭ މިންވަރު ދަށްކުރުމަށްޓަކައި، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން ގިނަ ފިޔަވަޅުތަކެއް އަޅައި، ރަށްރަށަށް ދަތުރުކުރުމުގައި އަދި މަސައްކަތުގެ މާހައުލުގެ އިންތިޒާމުތައް ބައްޓަންކުރަންވީ ގޮތުގެ އުސޫލުތައް ވަނީ އާންމުކުރައްވާފައިވާކަމަށެވެ.
މިދަނޑިވަޅަކީ ބަލިމަޑުކަމުގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވަމުންދާ ހާލަތަކަށްވާތީވެ، އަދި އުޅަނދުފަހަރުގެ ޙަރަކާތްތައް ކޮންޓްރޯލްކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަންޖެހިއްޖެނަމަ، އެކަމުގެ ސަބަބުން މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވުމުގެ ފުރުޞަތު އޮތްކަމެއް ކަމުގައި މިނިސްޓްރީން ވިދާޅުވެއެވެ. މިފުރުޞަތުގައި މަސް ގަންނަ ކުންފުނިތަކާއި މަސްވެރި އުޅަނދުފަހަރުން ކުރިންވެސް އަމަލުކުރަމުން އައި އުޞޫލުތަކާއި އެއްގޮތަށް މަސް ގަންނަ ސެންޓަރުތަކަށް ދަތުރުކޮށް މަސް ވިއްކުމުގެ މަރުހަލާގެ ކަންކަން ހަމަޖެއްސެވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. ވަކިން ޚާއްސަކޮށް މާލެ ސަރަޙައްދުގައި ޤާއިމުކޮށްފައިވާ މަސް ގަންނަ ސެންޓަރަކަށް މަސް ވިއްކުމަށް އަންނަ އުޅަނދުފަހަރުގެ ފަޅުވެރިން އެއްގަމަށް ނުފައިބާ މަސް ވިއްކުމުގެ މަރުހަލާ ފުރިހަމަކޮށް، ދޯންޏަށް ބޭނުންވާ ޚިދުމަތްތައް ހޯދުމަށް އިލްތިމާސްކުރާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.
ދިވެހިރާއްޖެ ފުރަ ބަންދަކަށް ދިޔަ ހާލަތުގައި އަދި އެއަށްފަހު ވަކި ހަމަތަކެއްގެ މަތިން ރަށްރަށަށް ދަތުރުކުރުމުގެ ހުއްދަތައް ދޫކޮށް މަސްވެރިކަންކުރުމުގައި ލައިސަންސް ލިބިގެން ޙަރަކާތްތެރިވާ އަދި އެކި ސަރަޙައްދުތަކުގައި ޤާއިމުވެފައިވާ މަސް ގަންނަ ކުންފުނިތަކަށް މަސް ވިއްކުމުގައި، އަމަލުކުރަންވީ އުސޫލުތައްވަނީ މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވިފައިކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މިގޮތުން، މަސްވެރިކަން ކުރުމަށްފަހު މަސް ގަންނަ ފަރާތްތަކަށް މަސް ވިއްކުމުގެ މަރުހަލާގައި މަސް ގަންނަ ފެސިލިޓީތަކަށް ނުފައިބާ މަސް ގަތުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށާއި އަދި މަސްވެރި ދަތުރުތަކުގައި މަސްވެރިކަންކޮށް ނިމުމަށްފަހު ހަމައެކަނި އުޅަނދު ނިސްބަތްވާ ރަށަށް އަނބުރާ ދަތުރުކުރުމަށް ލޮކްޑައުންގެ ތެރޭގައި މިނިސްޓްރީން މަސްވެރިންނަށް ވަނީ އިރުޝާދު ދީފައެވެ. އަދި މީގެ އިތުރުންވެސް، ހުޅުމާލޭގައި ނުވަތަ މާލެ ސަރަޙައްދުގެ ރަށެއްގައި ޤާޢިމުކޮށްފައިވާ މަސް ގަންނަ ސެންޓަރަކަށް މަސް ވިއްކުމަށް އަންނަ އުޅަނދުފަހަރުގެ ފަޅުވެރިން އެއްގަމަށް ނުފައިބާ މަސް ގަތުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ކުންފުނިތަކަށްވެސް އިރުޝާދު ދީފައިވާނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.