ކޯވިޑްގެ ހާލަތާއި ގުޅިގެން ވިޔަފާރިތަކަށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތެއް އޮންލައިންކޮށް ފޯރުކޮށްދޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭގޮތަށް ބަދަލުކޮށްފައިވާއިރު، އެ މިނިސްޓްރީން ދެމުން އަންނަ ހިދުމަތްތައް ހޯދާނެ ގޮތުގެ ތަފްސީލުވެސް މިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ނިންމާފައިވާ ގޮތަށް ބަލާލާއިރު ބައެއް ހިދުމަތްތައް އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ހުށަހެޅުމަށް ހުޅުވާލާފައިވާއިރު ދެން ހުރި ހިދުމަތްތަކަށް ހުށަހެޅުމަށް ހަމަޖައްސާފައި ވަނީ އީމެއިލް މެދުވެރިކޮށެވެ. އާއްމު ހާލަތުގައިވެސް ދެމުން އައި ގޮތަށް ގިނަ ހިދުމަތްތައް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 2 ޖެހުމާއި ހަމައަށް ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މީގެ ތެރެއިން ހަމައެކަނި ކައުންޓަރއަށް ގޮސްގެން ހޯދާ ހިދުމަތެއްގެ ގޮތުގައި އޮންނަނީ ކޯޕަރޭޓް ރެސިޑެންސް ވިސާއަށް އެދި ހުށަހެޅުން އެކަންޏެވެ.
ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ސަރުކާރުގެ ގިނަ އިދާރާތަކެއްގެ މަސައްކަތްތައް ވަނީ އޮންލައިންކޮށްފައެވެ.
އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ އެއް މިނިސްޓްރީކަމަށްވާ ޓްރާންސްޕޯޓް މިނިސްޓްރީންވެސް ގިނަ ހިދުމަތްތައް މިހާރު ދެމުން އަންނަނީ އެ މިނިސްޓްރީގެ އީޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީން ދެމުން އަންނަ އެއްގަމު ލައިސަންސް ހައްދައި ދިނުމުގެ ހިދުމަތް ވަނީ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. މި ހިދުމަތް މެދުކަނޑާލާފިވަނީ މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަށެވެ.
ގިނަ އިދާރާތަކަކުން ދެމުން އަންނަ ހިދުމަތްތައް އޮންލައިންކޮށް ދޭގޮތަށް ބަދަލުކުރަމުން އަންނަނީ ކޯވިޑް-19ގެ ފުރަތަމަ ރާޅަށްފަހު އާއްމު ހާލަތުގައި ހިދުމަތްދޭ އުސޫލުން ހިދުމަތް ދިނުމަށްފަހުއެވެ. މިހާރު އަނެއްކާވެސް ރާއްޖޭގައި ކޯވިޑް-19 ގެ ކޭސްތައް އިތުރުވަމުން އަންނައިރު ސަރުކާރުގެ ގިނަ އޮފީސްތަކުގެ މުވައްޒަފުންވެސް މަސައްކަތްކުރަމުން އަންނަނީ ގޭގައި ތިބެގެނެވެ.
އަދި ގައުމީ ފެންވަރުގައި ބާއްވަމުން އަންނަ މުބާރާތްތަކާއި އެކި އެކި މުއައްސަސާތަކުން އިންތިޒާމުކުރަމުން އަންނަ ތަމްރީނު ޕްރޮގްރާމްތައްވެސް މި ދުވަސްވަރު ބާއްވަމުން އަންނަނީ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށްނެވެ.