ވިޔަފާރި

ހޯރަފުށްޓާއި ފީއަލީ އައިސްޕްލާންޓްގެ އީއައިއޭ ހެދުމަށް ހުޅުވާލައިފި


މިފްކޯއިން ހއ. ހޯރަފުށްޓާއި، ފ. ފީއަލީގައި އަޅާ އައިސްޕްލާންޓްތަކުގެ އީއައިއޭ ހެދުމަށް ހުޅުވާލައިފިއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އީ- މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް މިފްކޯއިން އެދެއެވެ. އަދި ރަޖިސްޓްރީ ކުރާފަރާތްތަކަށް، މަޢުލޫމާތު ކަރުދާސް 10 ފެބުރުއަރީ ވާ ބުދަ ދުވަހުގެ ހަވީރު 16:00ކުރިން އީމެއިލް މެދުވެރިކޮށް ފޯރުކޮށްދޭނެކަމަށް މިފްކޯއިން ބުނެއެވެ.

އީއައިއޭ ހެދުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން މިމަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:30 އަށް މިފްކޯގެ ހެޑްއޮފީހަށް ޕްރަޕޯޒަލް ހުށައެޅުމަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ. ޕްރަޕޯޒަލް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ގެންނަ ޕްރަޕޯޒަލް ތަކާއި ރަޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތުގައި ރަޖިސްޓްރީ ކޮންފައިނުވާ ފަރާތްތަކުގެ ޕްރަޕޯޒަލް ބަލައިނުގަންނާނެކަމަށް މިފްކޯއިން ބުނެއެވެ.

ހއ. ހޯރަފުށީގައި 25 ޓަނުގެ އައިސްޕްލާންޓެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައެވެ. ހޯރަފުށީ އައިސްޕްލާންޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިފްކޯއާއި، ހޯރަފުށީ ކައުންސިލްގެ އިތުރުން ޗަންޕާ ބްރަދާސްއާއިއެކުއެވެ.

ހޯރަފުށީ އައިސްޕްލާންޓު އެޅުމަށް ފައިސާ ޚަރަދުކުރަނީ ޗަމްޕާ ބްރަދާސްއިންނެވެ. އެ ކުންފުނިން މި ޕްރޮޖެކްޓަށް 4.2 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.

މިއަހަރުގެ ތެރޭގައި އިތުރު 13 ރަށެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ފަށާނެކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވިދާޅުވެއެވެ. މި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ހއ. ހޯރަފުށި، ށ.ކޮމަންޑޫ، ރ.މަޑުއްވަރީ، ކ.ގާފަރު، ފ.ފީއަލި، މ.މުލައް، ދ.ކުޑަހުވަދޫ، ގއ.ގެމަނަފުށި، ލ.މާމެންދޫ، އދ.މަހިބަދޫ، އއ.ރަސްދޫ އަދި ގދ.ފިޔޯރީއެވެ.