ޚަބަރު

އޭޕްރީލް 10ގައި އިންތިޚާބު ނުބޭއްވިދާނެތީ އީސީން މަޖިލީހަށް


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް ގޮންޖެހުންތައް ހުރުމުން، އިންތިޚާބު ފަސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 4 ވަނަދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިޚާބު ކޯވިޑާއި ގުޅިގެން އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ސަންސެޓް ޤާނުނުގެ ގޮތުގައި މަޖިލީހުން ޚާއްސަ ޤާނުނެއް ފާސްކުރިއެވެ. އެޤާނޫނުގައި ބުނެފައިވަނީ އެ ޤާނުނަށް އަމަލުކުރާތާ އެއްއަހަރު ދުވަހުގެތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެކަމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މެއިމަހުގެ 9 ވަނަދުވެހެވެ. އެ މުއްދަތުގެ ކުރިން އިންތިޚާބު ނުބޭއްވިދާނެ ޙާލަތެއް އޮތްކަމަށް އިލެކްޝަންސް ކޮމިޝަނަށް ފެނިއްޖެނަމަ 30 ދުވަހުގެ ތެރޭގައި އެކަން އެ ކޮމިޝަނުން މަޖިލީހަށް އަންގަންޖެހޭނެކަމަށް އިންތިޚާބާއި ބެހޭ ވަގުތީ ޤާނޫނަށް އެންމެ ފަހުން ގެނައި އިޞްލާހުގައިވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އިންތިޚާބު ބޭއްވުމަށް ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އަދި އިންތިޚާބު ބޭއްވުމަށް އެންމެ ފަހުން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުއްވި ތާރީޚުކަމަށްވާ އޭޕްރީލް 10 ވަނަ ދުވަހު އިންތިޚާބު ނުބޭއްވިދާނެކަމަށް ލަފާކުރެވޭތީ، އެ މައްސަލަ އަންނަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެކަމަށެވެ.

"މިއީ އެޗްޕީއޭގެ މައްސަލައެއްވެސް ނޫން އިނގޭތޯ. އެޗްޕީއޭއިން އަންގަނީ ޕެންޑަމިކެއްގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭނީ އެ ގައިޑްލައިނާ އެއްގޮތަށްކަމަށް." ޝަރީފް ވިދާޅުވިއެވެ.

އެޗް.ޕީ.އޭއިން ވަނީ ކޯވިޑް-19ގެ ޙާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށްގެންދިއުމުގައި ޢަމަލުކުރަންވީގޮތުގެ އުޞޫލު އެކުލަވާލައި މިހާރު އާއްމުކުރައްވާފައެވެ. އެގައިޑްލައިންގައި ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކަށް އެހެން މީހުންނާ އެކުނުވާގޮތަށް ވަކި ވެހިކަލެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވޯޓުލުމުގެ ފުރުޞަތު ހޯދައިދިނުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއްކަމަށެވެ. ނަމަވެސް އެއީ ޤާނޫނީ ގޮތުން އިލެކްޝަން ކޮމިޝަނަށް ކުރެވޭނެ ކަމެއްނޫންކަމަށް އެކޮމިޝަނުން ބުނެއެވެ. އަދި ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މީހަކު ޕޮޒިޓިވްވެ އެކަހެރިވާންޖެހުމުން އޭނާ ވޯޓުލާން ރަޖިސްޓްރީ ކުރިތަންނޫން ތަނެއްގައި ހުރިނަމަވެސް ގައިޑްލައިން ބުނާގޮތުން އޭނާއަށް ވޯޓުލެވެންޖެހެއެވެ. އަދި އެކަން އިލެކްޝަނުން ފަހި ކޮށްދޭންޖެހެއެވެ. ނަމަވެސް ޤާނޫނު ބުނާގޮތުން އެމީހަކު ވޯޓުލުމަށް ރަޖިސްޓްރީ ކުރާތަންނުނޫ ތަނެއްގައި ވޯޓުލުުމުގެ އިޚްތިޔާރެއް ނޯވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އެޗްޕީއޭގެ ގައިޑްލައިންގައިހުރި ބޮޑެތި ކަންބޮޑުވުންތަކާއިއެކު މަޖިލީހަށް މިމައްސަލަ ހުށަހަޅައި މަޖިލީހުން މިކަމަށް ހައްލެއް ހޯދުމަށް ދެންނެވުމަށް ނިންމާފައެވެ. އަދި މަޖިލީހުން ވަކިގޮތެއް ނިންމުމާއި ހަމައަށް އިންތިޚާބުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ. ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި މިހާރުވަނީ ސިވިލްސާވިސްގެ ތެރެއިން އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ވަޒީފާއިން ސަސްޕެންޑު ވެސް ކޮށްފައެވެ. އިންތިޚާބު ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު، އިންތިޚާބު ކަނޑައެޅިފައިވާ ތާރީޚުގައި ބޭއްވިދާނެކަމާއިމެދު ވަނީ ޤާނޫނީ ބޮޑު ސުވާލެއް އުފެދިފައެވެ.

އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް ބަޖެޓުގެ ދަތިކަން ހުރިކަންވެސް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވައެވެ.