ޚަބަރު

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 264 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި


ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ސަރުކާރުން މިހާތަނަށް 264.6 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ޢާއްމުކުރައްވާފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހުގެ 26ވަނަ ދުވަހާ ހަމައަށް 17710 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ވަނީ ދޫކޮށްފައެވެ. އަދި އެމީހުންނަށް ދޫކުރި އިންކަމް ސަޕޯޓް އެލަވަންސްގެ ޖުމްލަ 264.6 މިލިއަން ރުފިޔާއަށް އަރާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އިންކަމް ސަޕޯޓް އެލަވަންސްއަކީ ކޯވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި، ވިޔަފާރިތައް ހުއްޓި ޢާމްދަނީއަށް އަސަރުކުރުމާ ގުޅިގެން، އެފަދަ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ދޭންފެށި އެލަވަންސެކެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް ވިދާޅުވެފައިވަނީ، ކޯވިޑް-19ގެ ސަބަބުން، ނިސްބަތުން އިޤްތިޞާދީ އެންމެބޮޑު ގެއްލުމެއް ލިބުނު އެއް ޤައުމަކީ ދިވެހިރާއްޖެކަމަށެވެ. އިޤްތިޞާދު ހީނަރުވެގެން ދިޔުމުން، މުވައްޒަފުންނަށް މުސާރަ ދިނުމާއި ދިރިއުޅޭ ތަނުގެ ކުލި ދެއްކުމާއި، ބިލުތައް ދައްކާނެ ގޮތަކާމެދު، ވިޔަފާރިވެރިންނާއި ޢާންމު ރައްޔިތުން ކަންބޮޑުވެ ހާސްވާނެ މިންވަރު އެމަނިކުފާނަށް ވަޒަންކުރެވުނުކަމަށެވެ.

އެހެންކަމުން ސަރުކާރުގެ ވިސްނުމަކަށްވީ، ވިޔަފާރިތައް ހަލާކުނުވެ ހިފަހައްޓައި ވަޒީފާއަށް އަސަރުކުރި މީހުންނަށް، ޙާލުގައި ނުޖެހި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭނެ ގޮތެއް ހޯދައިދީ ޢާއިލާތަކަށް އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ސަރުކާރުން އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވަނީ މި ބޭނުމުގައެވެ.

އިންކަމް ސަޕޯޓު އެލަވަންސަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ޖޮބް ސެންޓަރެށެވެ. ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ. މުސާރަ އުނިކޮށްފައިވާ މީހަކަށް 5000 ރުފިޔާއިން ދަށުން ޢާމްދަނީއެއް ލިބޭނަމަ އެމީހަކަށް އިނާޔަތުގެ ގޮތުގައި 5000 ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެއް ލިބޭނެއެވެ.