ޚަބަރު

ކޮންޓްރެކްޓް ފާމިންގގެ ދަށުން 45 ރަށެއްގެ ދަނޑުވެރިންނާއިއެކު އެއްބަސްވުން ޤާއިމްކުރަނީ


ކޮންޓްރެކްޓް ފާމިންގގެ އުސޫލުން 45 ރަށެއްގެ ދަނޑުވެރިންނާއެކު ކުރިޔަށްއޮތް 2 މަސް ދުވަހުގެ ތެރޭ އެއްބަސްވުން ޤާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ކޮންޓްރެކްޓް ފާމިންގ އުޞޫލުން ދަނޑުވެރިކަން ކުރަން ކަނޑައަޅާފައިވާ 45 ރަށެއްގެ ދަނޑުވެރިންނާއެކު އެއްބަސްވުން ޤާއިމްކުރުމަށް އެގްރޯނެޓްއިން ތައްޔާރުވަމުން އަންނައިރު މިއީ ރާއްޖޭގައި މުޅިން އަލަށް ފަށާ މަޝްރޫއެކެވެ.

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތިމާވެއްޓާއި ރައްޓެހިކޮށް ދަނޑުވެރިކަންކުރަން ފެށުމުގެ މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމާއި، ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ މިންވަރު މަދުކުރުން ހިމެނެއެވެ. އަދި މިކަމުގެ ސަބަބުން ކާނާގެ ޔަޤީންކަން ކަށަވަރުވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަން ކުރިއަރުވައި ފުޅާކުރުމަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ދަނޑުވެރިން އުފައްދާ އުފެއްދުންތައް ރަނގަޅު އަގުގައި މާކެޓް ކުރެވޭނެ އުސޫލެއް ނެތުންކަމަށެވެ. އަދި ދަނޑުވެރިން އުފައްދާ އުފެއްދުންތައް ގަންނަން ބޭނުންވާ މީހުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އެ އުފެއްދުންތައް ލިބޭނެކަމުގެ ޔަގީންކަން ނެތުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިކަން ޙައްލު ކުރުމަށް ސަރުކާރުން އުފެއްދި 100 އިންސައްތަ ސަރުކާރުން ހިއްސާވާ ކުންފުންޏަކީ އެގްރޯ ނެޓެވެ. އެގްރޯ ނެޓްގެ މަސައްކަތްތަކުގެ ތެރޭގައި ދަނޑުވެރިން ހައްދާ ތަކެތި މާލެއަށް ގެނެސް ފިހާރަތަކަށް ފޯރުކޮށްދިނުން ހިމެނެއެވެ. މާލެ ސިޓީ ފުރަބަންދަށް ދިއުމާއި ގުޅިގެން ލޯކަލް މާރުކޭޓާއި ދަނޑުވެރިންގެ މާރުކޭޓު ބަންދުކުރުމާއި ގުޅިގެން ރަށްރަށުން މާލެއަށް ގެންނަ ތަރުކާރީއާއި މޭވާގެ ބާވަތްތައް ވިއްކުމަށް ގިނަ ދަތިތަކާއި ކުރިމަތިވިއެވެ. މި ދަތިތައް ހައްލުކުރުމަށްވެސް އެގްރޯނެޓް ކުންފުނިން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

އެގްރޯނެޓް ކުންފުނީގެ މަސައްކަތްތައް ފަށާފައިވާއިރު ދަނޑުވެރިންގެ ފަރާތުން ލިބެމުން އަންނަނީ ރަނގަޅު ފީޑްބެކްއެއްކަމަށް އެގްރޯނެޓްއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ކުރިޔަށްވުރެ ރަނގަޅު އަގު ލިބޭކަމަށް ދަނޑުވެރިން ބުނަމުންދާކަމަށް އެގްރޯއިން ބުނެއެވެ. އަދި އެގްރޯނެޓްއިން ކުރާ މަސައްކަތައް ރަށްރަށުގެ ކައުންސިލްތަކުން ލިބެމުންދާ އެއްބާރުލުން އެގްރޯނެޓްއިން ވަނީ ފާހަގަކޮށްފައެވެ.

އެގްރޯނެޓް ކުންފުނި އުފެއްދުމުގެ މައިގަނޑު އަމާޒަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ތެރެއިން ނޫ އިގްތިސާދުގެ އަމާޒުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވައި އާލާކުރުމެވެ. މީގެ އިތުރުން ދުރުރާސްތާގެ ކާބޯތަކެތީގެ ޔަގީންކަން ހޯދައި އިމްޕޯޓް ސަބްސްޓިޓިއުޝަންގެ އަމާޒުތައް ޙާޞިލްކުރުމާއި ވަޒީފާގެ ފުރުސަތުތަކާއި ޓްރޭޑް ބެލެންސް ފަދަ އިޤްތިޞާދީ ލަނޑުދަނޑިތައް ޙާސިލްކުރުންކަމަށް ކުންފުނިން މައުލޫމާތުދެއެވެ.