ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާ އިން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ ގޯލެއް ނުޖެހިއެވެ. ދެ ވަނަ ހާފުގައި ދެޓީމަށް ވެސް ގޯލުޖަހާނެ ފުރުސަތުތައް ލިބުނެވެ. ހާއްސަކޮށް ވެލެންސިއާއިން ވަނީ ފުރަތަމަ ހާފްގައި ގިނަ ހަމަލާތަކެއް ޓީސީގެ ގޯލަށް ފޮނުވައިލައިފައެވެ. ޓީސީން މެޗުގައި އެންމެ ނުރައްކާތެރި ހަމަލާ އުފެއްދީ ދެ ވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި މެލްކޮމް ކަސިއުސް ސްޓެވާޓްއެވެ. އޭރިޔާ ތެރެއަށް ވަނުމަށް ފަހު މެލްކޮމް ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ވެލެންސިއާގެ ފުރަތަމަ ގޯލު 57 ވަނަ މިނެޓުގައި ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ސެންޓޭ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ. ލީޑު ނެގިތާ އިރުކޮޅެއް ފަހުން ވެލެންސިއާގެ ސޮލާ މުލެޓް އެންޓޯނިއޯ ފޮނުވާލި ބޯޅައެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު ޑިފެންޑަރު ހޯސޭ އެންޓޯނިއޯ ފޮނުވާލި ބޯޅަ ޖެހުނީ ހުރަސް ދަނޑީގައެވެ.
ވެލެންސިއާގެ ދެ ވަނަ ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އަހުމަދު އިމާޒް (އާއްކޮ) އެވެ. އޭރިޔާ ތެރެއިން އާއްކޮ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޓީސީގެ ކުޅުންތެރިއެއް ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ.
މިއަދުގެ މެޗަކީ ޓީސީގެ ކޯޗުކަމާ އަލުން ހަވާލުވުމަށް ފަހު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ފުރަތަމަ މެޗެވެ. ނިޒާމްބެ ޓީސީ ދޫކޮށްލީ 2018 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޓީސީ އަށް ހޯދައިދިނުމަށް ފަހުގައެވެ.
މޮޅާއެކު ވެލެންސިއާ ވަނީ 15 ޕޮއިންޓް ހަމަކޮށް އަލުން ލީގުގެ ދެ ވަނަ އަށް އަރައިފައެވެ. ވެލެންސިއާގެ ފަހަތުން ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ދެ ވަނައިގައި އޮތީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. ވެލެންސިއާ ކުރީގައި އޮތީ ފައިދާ ގޯލުގެ ތަފާތުން ކުރި ލިބޭތީއެވެ. މެޗުން ބަލިވި ޓީސީ އޮތީ ނުވަ ޕޮއިންޓާއެކު ލީގުގެ ފަސް ވަނައިގައެވެ.