ސިޔާސީ

ސަރުކާރަށް އެންމެބޮޑަށް ދަތިވިއިރު ޑރޖަމީލްގެ އެއްބާރުލުން ނުލިބޭ




ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ސޯޝަލް މީޑިއާގައި މަގާމްގެއްލުމުގައި އެމަނިކުފާނުގެ ކުށެއް ނެތްކަން ހާމަކުރައްވަމުން ގެންދެވިނަމަވެސް، ސަރުކާރު އެންމެ ބޮޑަށް ދަތިވެގެންދިޔައިރު ނާއިބު  ރައީސް މުހައްމަދު ޑޮކްޓަރ މުޙައްމަދު ޖަމީލްގެ އެއްބާރުލުން ސަރުކާރަށާއި އެމަނިކުފާނަށް ލިބިވަޑައި ނުގެންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ދެއަހަރުގެތެރޭގައި ދެ ނައިބު ރައީސުންނާއި ދޭތެރޭ ކަންތައް ދިމާވީ ވަރަށް ދެރަކޮށްކަމަށާއި، ދެނައިބު ރައީސުންވެސް ރައީސަށާ ސަރުކާރަށް އެބޭފުޅުންގެ ބޭނުން އެންމެ ބޮޑަށް ބޭނުންވިވަގުތު އެހީތެރިކަން ނުދެއްވާކަމަށެވެ. އެގޮތުން އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުގެ މުޒާހަރާތައް އެންމެ ބޮޑުވެގެންދިޔައިރު ސަރުކާރު ދިފާއުކުރުމަށް ނައިބު ރައީސް ޑޮކްޓަރ ޖަމީލްގެ އެއްބާރުލެއްވުމެއް އޭރު ސަރުކާރަށް ލިބިފައިނުވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ޑޮކްޓަރ ޖަމީލް މަޤާމުން ވަކިކޮށްފައި ވަނީ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށްގެނެއްނޫންކަަމަށާ، ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނުގެ މައްޗަށް އިތުބާރު ގެއްލިގެންކަމަށް ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް ޑޮކްޓަރ ޖަމީލްގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް ރައްޔިތުންގެ މަޖްލީހަށް ހުށަހެޅުމުން، ރައްޔިތުންގެ މަޖްލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވަން ދެންނެވުމުން އެކަންކުރުމަށް އެމަނިކުފާނު އިޚްތިޔާރުނުކުރެއްވިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ކުށުން ބަރީއަވުމުގެ މަސައްކަތްކުރުމަކީ އޭރުވެސް ނައިބު ރައީސަށް އޮތް ފުރުސަތެއްކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖްލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވަން އެމަނިކުފާނު އިޚްތިޔާރުނުކުރެއްވުމަކީ އެމަނިކުފާނަށް މެމްބަރުންގެ ތާޢީދު ނުލިބުނު ސަބަބެއްކަމުގައި ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވިނަމަ އެމަނިކުފާނާއިބެހޭގޮތުން ދެކެވޭ ވާހަކަތަކުން ބަރީއަވުމަށް ދައްކަވާ ވާހަކަފުޅުގެ ބުރަދަން ހުރިވަރު ރައްޔިތުންނަށް އެގިގެންދިޔައީސްކަމަށް ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙުމަދު މަޤާމުން ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖްލީހުގައި އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށްފަހުއެވެ. މިހާރުގެ ނާއިބު ރައީސް އަހުމަދު އަދީބް ހައްޔަރުކުރުމުން ޑޮކްޓަރު ޖަމީލު މިހާރު ގެންދަވަނީ އެމަނިކުފާނު ވަކިކޮށްފައިވަނީ ކުށެއްނެތިކަން ދޭހަވާގޮތަށް ސޯޝަލް މީޑިއާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން ލަންޑަނަށް ވަޑައިގެންނެވިގޮތަށް ޑޮކްޓަރ ޖަމީލު އަދި ރާއްޖެ ވަޑައިގެންފައެއްނުވެއެވެ.