ކުވައިތުގައި ރާއްޖޭގެ ފަތުރުވެރިންކަން ޕްރޮމޯޓްކުރުމުގެ މަސައްކަތް އުރީދޫއިން ފަށައިފިއެވެ.
ކުވައިތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް އުރީދޫ ކުވައިތުން ވަނީ ކަސްޓަމަރުންނަށް ޙާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ.
ކުވައިތުގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ ކެމްޕެއިނަކީ އުރީދޫ މޯލްޑިވްސްއިން މިދިޔަ އަހަރު ފަށާފައިވާ ވިޒިޓް މޯލްޑިވްސް ނައު ކެމްޕޭންގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.
އުރީދޫ މޯލްޑިވްސްއިން ބުނީ މި ކެމްޕެއިން މެދުވެރިކޮށް އުރީދޫ ކުވައިތުން ތައާރަފްކުރި އެގައުމުގެ ފުރަތަމަ ޑިޖިޓަލް މޮބައިލް ޕްލޭން އަނާއަށް ސަބްސްކްރައިބްކޮށްގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށެވެ. އަނާއަކީ އުރީދޫ މޯލްޑިވްސްގެ މަގޭ ޕްލޭން ކަހަލަ ޙިދުމަތެކެވެ.
މި ކެމްޕެއިންގެ ދަށުން އަނާ ޕެކޭޖް ނަގާ މީހުންގެ މެދުގައި ހޮވޭ ނަސީބުވެރިއަކަށް އިތުރު ފަރާތަކާއިއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ކުވައިތުގައި 4.3 މިލިއަން މީހުންގެ އާބާދީއެއް އޮވެއެވެ. މީގެތެރެއިން އުރީދޫ ކުވައިތުގެ ކަސްޓަމަރުންގެ އަދަދު 2.5 މިލިއަނަށް އަރައެވެ. އެހެންކަމުން މި ކެމްޕެއިންގެ ދަށުން 2.5 މިލިއަން މީހުންގެ މެދުގައި ރާއްޖެ އިޝްތިހާރުވެގެންދާނެކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫ މޯލްޑިވްސްއިން ފެށި ވިޒިޓް މޯލްޑިވްސް ނައު ކެމްޕޭން ކުރިއަށްގެންދަނީ އެމްއެމްޕީއާރުސީ، ޓޫރިޒަމް މިނިސްޓްރީ އަދި އޯކާ މީޑިއާ ގްރޫޕްއާ ގުޅިގެންނެވެ. މި ކެމްޕެއިންގެ ދަށުން ދުނިޔޭގެ 10 ގައުމެއްގައި 117 މިލިއަނަށްވުރެ ގިނަ އުރީދޫ ކަސްޓަމަރުންގެ މެދުގައި ރާއްޖެ އިޝްތިހާރުކުރާނެކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.