ޚަބަރު

ކޯވިޑް-19 : 5 މަސްދުވަސްފަހުން ޕޮޒިޓިވް ޢަދަދު 200އިން މައްޗަށް


ރާއްޖެއިން ކޯވިޑް-19އަށް އިތުރު 215 މީހަކު ޕޮޒިޓިވްވެއްޖެއެވެ. މިއީ ވޭތުވެދިޔަ 5 މަސްދުވަހުގެ ތެރޭގައި ރާއްޖެއިން އެއް ދުވަހެއްގައި މިހާ ގިނަ ޢަދަދެއްގެ މީހުން ޕޮޒިޓިވްވި ދުވަހެވެ. އެންމެފަހުން 200އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ފުރަތަމަ ދުވަހުއެވެ. އެދުވަހު 255 މީހުން ޕޮޒިޓިވް ވެފައިވެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 215 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 159 މީހުން ހިމެނެއެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 8 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 20 މީހަކު އަދި ހަދަމުންދާ ރިސޯޓުތަކުން 27 މީހަކު ޕޮޒިޓިވްވެފައިވާއިރު ސަފާރީތަކުން އެކަކު ވަނީ ޕޮޒިޓިވްވެފައިވެއެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 16،056 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 51 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 14،190 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 1،807 މީހުންނެވެ. އަދި މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 184 މީހުންނަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،126 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 413،766 ސާމްޕަލްވަނީ ނަގާފައެވެ.

މި ބަލީގައި ރާއްޖޭން ނިޔާވި މީހުންގެ އަދަދު މިވަނީ 52 މީހުން ވަނީ ނިޔާވެފައެވެ. އެއީ 44 ދިވެހިންނާއި، 8 ބިދޭސީންނެވެ.