މާދަމާ ކޯވިޑް-19ގެ ވެކްސިން ދޭން ފަށާއިރު، އުއްމީދަކީ ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދެވުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މާދަމާ މާލެ ސަރަހައްދުގެ ފަސް ސަރަޙައްދެގައި އަދި އައްޑޫސިޓީއާއި، ކުޅުއްދުއްފުށި ސިޓީގައި ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ވެކްސިން ދޭން ރާއްޖޭގައި ފަސާކަން އިޢުލާންކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، މި ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީޤު މިންވަރު ކޮށްދެއްވުން އެދި ދުއާ ދަންނަވާފައެވެ.
ރާއްޖޭގައި ޖަހަނީ އޮކްފޯޑާއި، އެސްޓްރަޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް އެއްލައްކަ ވެކްސިން ޑޯޒް ހަދިޔާކޮށްފައެވެ. އެ އެއްލައްކަ ވެކްސިން ޑޯޒް ފަންސާސް ހާސް މީހުންނަށް ދެވޭނެއެވެ. އަދި ރައްޖެއަށް އިތުރު 7 ލައްކަ ވެކްސިން ޑޯޒް ގެނައުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
މާދަމާއަކީ ރާއްޖޭގައި ކޯވިޑް 19 އަށް ވެކްސިން ދޭން ފަށާ ދުވަސް. މާތް اللهُ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރުމާއެކު އަޅުގަނޑުގެ ދުޢާއަކީ މި ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކޮށްދެއްވުން. އާމީން.
— Ibrahim Mohamed Solih (@ibusolih) January 31, 2021
ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށްޓަކައި މިހާތަނަށް 20،000 ވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.ކޯވިޑް-19ގެ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްސަ ޕޯޓަލްއަކީ my.health.mv އެވެ. ކޯވިޑްގެ ވެކްސިނަށް ރަޖީސްޓްރީކުރާ ޕޯޓަލްގައި ފުރަތަމަ ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވަނީ ސިއްޙީ ޚިދުމަތްތެރިންނަށާއި ސޯޝަލް ކެއަރ ވޯކަރުންނަށެވެ.
އެޗްޕީއޭއިން ވަނީ ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ޖެހުމަކީ މަޖުބޫރުކަމެއް ނޫންކަން ހާމަކުރައްވާފައެވެ. ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އިތުރު އެހީއަކަށްވާނެކަމަށާ، ގިނަ ބަޔަކު މި ވެކްސިން ޖަހައިފިނަމަ އާއްމު ޙާލަތަށް ރުޖޫއަވުން އަވަސްވާނެކަން އެއެޖެންސީން ވަނީ ފާހަގަކުރައްވާފައެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް މިހާތަނަށް އުފައްދާފައިވާ ވެކްސިންތަކަކީ ކަނޑައަޅާފައިވާ ވަކި އުމުރުފުރާއަކަށް ޓެސްޓްކޮށްފައިވާ ވެކްސިންތަކެކެވެ. މި ވެކްސިން ޓެސްޓުކުރުމުގައި 16 އަހަރުން ދަށުގެ ކުދިން ހިމެނިފައިނުވާތީ، މި އުމުރުފުރާގެ ކުދިންނަށް ވެކްސިން ނުޖަހާނެކަމަށް އެޗް.ޕީ.އޭއިން ވަނީ ހާމަކުރައްވާފައެވެ. އަދި ވެކްސިންގެ ޑޯޒު ރާއްޖެއިން ބޭރުން ފުރިހަމަކޮށްފައިވާ ފަރާތްތަކުންވެސް ރާއްޖެއައިސް އަލުން ވެކްސިން ޖަހަންނުޖެހޭނެކަމަށްވެސް އެ އެޖެންސީން ވިދާޅުވެފައިވެއެވެ.
މާދަމާ ވެކްސިން ދޭން ފަށާއިރު، އެ ވެކްސިން އަތޮޅުތަކުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެގޮތުން ވެކްސިން ރައްކާކުރުމަށް މާލެއާއި އަތޮޅުތަކުގައި ފިނި ކޮށާރުތަކެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. އަތޮޅުތަކުގައި މިކަމަށްޓަކައި ޤާއިމުކުރާ ފިނި ކޮޓަރިތައް ހެދުމަށް ހަމަޖެހިފައިވަނީ ބައެއް ސަރަހައްދުތަކުގެ ސިއްޙީ މަރުކަޒުތަކުގައެވެ.
ރާއްޖެގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ޑަބްލިޔުއެޗްއޯއިން އަންނަނީ މަލީގޮތުންނާއި ފަންނީގޮތުން ގިނަ އެހީތަކެއެއް ވަމުންނެވެ. ޑަބްލިޔުއެޗްއިން ވަނީ ކޯވިޑް-19ގެ ވެކްސިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައެވެ.