ޢާންމު ތަނެއްގައި ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައިގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.
ޢަބްދުއްރަހީމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ، 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވި ދުވަހު އެ ސަރަހައްދުގައި ހުންނަވައިގެން ފަނޑިޔާރުންނަށް ނިސްބަތްކުރައްވާ ހަޑި ހުތުރު ބަސް ބޭނުކޮށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފައިވާ ކަމަށް ބުނެއެވެ. އެދުވަހު ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުންކޮށް، އިންޒާރު ދިން މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށައަޅާފައި ވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. އޭނާގެ މައްޗަށް ދަޢުވާކުރުމަށް ކުރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ އަބްދުއްރަހީމްގެ މައްޗަށް ދައުވާކުރަނީ ޤާނޫނުލް އުޤޫބާތުގެ 615 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުންކަމަށެވެ. އެމާއްދާގައި ވަނީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު ޢަމަލުތައްކުރުމުގެ ކުށެވެ. އެއީ ޖުނަޙްގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. މިކުށުގެ އެންމެ ބޮޑު އަދަބަކީ ތިން މަހަށް ޖަލަށް ލުމެވެ.
މިމައްސަލައިގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ މައްސަލައިގައި ދަޢުވާ އިއްވާފައެވެ. ނަމަވެސް ޢަބްދުއްރަޙީމްގެ ފަރާތްޕުޅުން މައްސަލައަށް ޖަވާބުދާރީ ނުވެ، އެދިވަޑައިގަތީ މައްސަލައިގެ ލިޔެކިއުން ލިބިވަޑައިގަތީ މިއަދު ކަމަށް ވިދާޅުވެ ޖަބާވުދާރީވުމަށް އިތުރު ފުރުޞަތެއް ދެއްވުމަށެވެ. މިއާއެކު މައްސަލަ ބައްލަވާ ޤާޟީ ޙަސަން ސަޢީދު ވަނީ މިމައްސަލައަށް އަންނަ ހަފްތާގައި ބާއްވާ އަޑުއެހުމުގައި ޢަބްދުއްރަޙީމަށް ޖަވާބުދާރީވުމަށް ފުރުޞަތު ދެއްވާފައެވެ.
އަބްދުއްރަހީމްގެ މައްޗަށް މިދަޢުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވި ދުވަހު އެ ސަރަހައްދުގައި ހުރެ ފަނޑިޔާރުންނަށް ނިސްބަތްކޮށް ހަޑި ހުތުރު ބަސް ބޭނުކޮށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފައިވާ ކަމަށް ބުނެއެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ މިއީ އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް ހުއްޓުވައި އިދިކޮޅުގެ އަޑު ކަނޑުވާލަން ސަރުކާރުން ރާވައިގެން ހިންގާ އަމަލުތަކެއް ކަމަށެވެ. އަދި އަބްދުއްރަހީމަކީ ސިޔާސީ ގޮތުން ދައްކާހާ ބިރަކަށް ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފައެވެ.