ޚަބަރު

ކޯވިޑް-19 : 106 މީހުން ޕޮޒިޓިވްވެ ފަރުވާދޭ މީހުންގެ ޢަދަދު 1400އިން މައްޗަށް


ކޯވިޑް-19އަށް އިތުރު 106 މީހަކު ޕޮޒިޓިވްވެއްޖެއެވެ. މިއަދު ޕޮޒިޓިވްވި 106 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 93 މީހުންނާއި، އަތޮޅުތަކުގެ ރަށްރަކުން ޕޮޒިޓިވްވި 4 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 8 މީހެއްގެ އިތުރުން ސަފާރީތަކުން ޕޮޒިޓިވްވި މީހެކެވެ.

މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 15،496އަށް އަރާފައެވެ. ވޭތުވެދިޔަ 24ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 62 މީހުންނެވެ. ރާއްޖެއިން ކޯވިޑް-19ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ މިހާތަނަށް 14،028 މީހެކެވެ.
ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުންދާއިރު، ބައްޔަށް ފަރުވާދެމުން އަންނަ މީހުންގެ ޢަދދަުވެސް ވަނީ 1400 އިން މައްޗަށް އަރާފައެވެ. އެގޮތުން 1410 މީހަކަށް މިވަގުތު ފަރުވާދެމުން އަންނައިރު، އޭގެތެރެއިން 116 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ވޭތުވެދިޔަ 24ގަޑިއިރު ކޯވިޑް19އަށް ޓެސްޓުކުރުމަށްޓަކައި 3،292 ސާމްޕަލްވަނީ ނަގާފައެވެ. މިހާތަނަށް ޓެސްޓުކުރުމަށްޓަކައި ނެގި ސާމްޕަލްގެ ޖުމްލަ ޢަދަދުވަނީ 400،640އަށް އަރާފައެވެ. މިބަލީގައި ރާއްޖެއިން 51 މީހުންވަނީ ނިޔާވެފައެވެ. އެއީ 43 ދިވެހިންނާ، 8 ބިދޭސީންނެވެ.

އެޗްއީއޯސީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެސްންޓަރުގެ ތަރުޖަމާން ޑރ.ފާޓިމަތު ނަޒްލާ ރަފީޤް ވިދާޅުވީ، ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިހާރު އިތުރުވެފައިވާއިރު، ބަލީގެ އަލާމާތްތައް ހުންނަ މީހުންވެސް އިތުރުވެފައިވާކަމަށެވެ. އެހެންކަމުން ކޯވިޑަށް ޓޭސްޓްކޮށް، ވީހާވެސް ބޮޑަށް މީހުންނާއި ކޮންޓެކްޓް ނުވާގޮތަށް ޢަމަލުކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.