ވިޔަފާރި

އެސްޓީއޯ ހޮޓާ ހިންގާނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފި


އެސްޓީއޯއިން ހުޅުމާލޭގައި ހަދާފައިވާ ހޮޓާ ހިންގަން އިތުރު ބަޔަކު ޝައުޤުވެރިވޭތޯ ބެލުމަށް އަނެއްކާވެސް ހުޅުވާލައިފިއެވެ.

އެސްޓީއޯއިން ހުޅުމާލޭގައި ހަދާފައިވާ ހޮޓާ ހިންގާނެ ބަޔަކު ވޭތޯ ބެލުމަށް އެޗްޑީސީން އިޢުލާންކޮށްފައި މިވަނީ މި ހޮޓާ ހިންގަން ބަޔަކު ޝައުޤުވެރިކަން ފާޅުކޮށްފައިވާތީ ހުރިހާ ފަރާތަކަށް ހަމަހަމަ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އެޗްޑީސީގެ އިއުލާނުގައި ވަނީ މި ހޮޓާ ހިންގަން އެއްވެސް ފަރާތަކުން ޝައުޤުވެރިވާނަމަ އެކްސްޕްރެޝަން އޮފް އިންޓްރެސްޓު ހުށައެޅުމަށް ހުޅުވާލާފައެވެ. ޝައުޤުވެރިކަން ފާޅުކުރުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 9 ވަނަ ދުވަހުގެ ހަވީރު 15:30 އެވެ.

އެސްޓީއޯއިން ހުޅުމާލޭގައި ހަދާފައިވާ ހޮޓާލަކީ 5 ތަރީގެ ހޮޓަލެކެވެ. މިތަން ހުންނަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައެވެ.
މި ހޮޓަލަކީ ރެޑިސަން ބްލޫއާއެކު އެސްޓީއޯއިން ޤާއިމްކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ތަރައްޤީކުރަމުންދިޔަ ހޮޓަލެކެވެ. މީގެކުރިންވެސް މި ހޮޓާ ހިންގަން ޝައުޤުވެރިވާ ފަރާތެއް ހޯދަން އެސްޓީއޯއިން ހުޅުވާލިއެވެ.

މިހޮޓާ ތަރައްޤީކުރުމުގެ މަސައްކަތަށް ތައިލެންޑުގެ އެގްޒިމް ބޭންކުން ވަނީ 10 މިލިއަން ޑޮލަރުގެ ލޯނެއްވެސް ނަގާފައެވެ. ނަމަވެސް ޢިމާރާތުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައި ވަނިކޮށް 2014 ވަނަ އަހަރު ރައީސް އޮފީހުން އަންގައިގެން ހޮޓަލުގެ މަސައްކަތް ހުއްޓާލިއެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން އެސްޓީއޯއިން ދަނީ ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 250 އެނދުގެ ހޮޓާ ވިއްކާލުމަށް މަސައްކަތްކުރަމުންނެވެ.