ކޯވިޑް-19އަށް ޕޮޒިޓިވް މީހެއް ފެނުމާ ގުޅިގެން މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވާ، މ.ކޮޅުފުށީގައި ބަލި އުޅޭތޯ ބެލުމަށް ސާމްޕަލްނަގައި ޓެސްޓުކުރަން ފަށައިފިއެވެ. މިހާތަނަށް އެރަށުން 106 ސާމްޕަލް ނަގައި ޓެސްޓުކުރަން ފޮނުވާފައިވާކަމަށް ކޮޅުފުށީ ކައުންސިލުން ވިދާޅުވެއެވެ.
މ.ކޮޅުފުށި މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ އެރަށުން މާލެއައި މީހަކު، މާލެ އައިތާ ދެވަނަ ދުވަހު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ މިމީހާ ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވަނީ ޢަލާމާތްތައް ފެނިގެން ހެދި ޓެސްޓުންކަމަށެވެ. ބައްޔަށް ޕޮޒިޓިވްވެފައިވަނީ ރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު މާލެއައި އަންހެނެކެވެ. މިދިޔަ މަހުގެ ފަހުކޮޅު ޗުއްޓީއަށް ރަށަށް ދަތުރުކުރި މިމީހާއަކީ 10ދުވަހުގެ ކަރަންޓީން މުއްދަ ފުރިހަމަކޮށް، ކޯވިޑް-19އަށް ކުރި ޓެސްޓުގެ ނަތީޖާވެސް ނެގެޓިވްވެފައިވާ މީހެއްކަމަށް ކައުންސިލުން ވިދާޅުވެއެވެ.
މި ކޭސްއާ ގުޅިގެން ކޮޅުފުށި މޮނިޓަރިންގެ ޙާލަތަށް ގެނައީ މިމަހުގެ 24ވަނަ ދުވަހުގެ މެންދުރުފަހުއެވެ. ކޮޅުފުށީ ކައުންސިލުގެ ރައީސް ހުސައިން ޝާމިލް ވިދާޅުވީ މި ކޭސްއާ ގުޅިގެން ބަލަންޖެހޭ ކަންކަން، ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރާ ގުޅިގެން ބަލަމުންދާކަމަށެވެ. އެގޮތުން މިހާތަނަށް 106 ސާމްޕަލް ނަގައި، ޓެސްޓުކުރުމަށް މާލެވަނީ ފޮނުވާފައެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ އެޗްޕީއޭގެ މިންގަނޑުތަކަށްބަލައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު މީހުންގެ ސާމްޕަލްތައްވެސް ނަގާފައިވާކަމަށެވެ. އެގޮތުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 52 ސާޕަލް އެރަށުންވަނީ ނަގާފައެވެ. އަދި 54 ރެންޑަމް ސާމްޕަލް ރަށުތެރެއިންވަނީ ނަގާފައެވެ.
ޝާމިލް ވިދާޅުވީ މިވަގުތު ރަށުގެ ޢާއްމު ޙާލަތު ރަނގަޅުކަމަށެވެ. އަދި ކޯވިޑް-19ގެ ޢަލާމަތްތައް ހުރި އިތުރު މީހަކު މިހާތަނަށް ފާހަގަވެފައި ނުވާކަމަށެވެ. މޮނިޓަރިންގެ ޙާލަތަށް ގެނައުމާ ގުޅިގެން އެރަށަށް އަރާފޭބުންވަނީ ވަގުތީގޮތުން މަނާކޮށްފައެވެ. އަދި އާއްމު އެއްވުންތަކާ ކުޅިވަރު ހަރަކާތްތައްވެސް ކުރިއަށް ނުގެންދިއުމަށް އަންގަވާފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.