އެމްޕީއެލްއިން ލިބުނު ރީޗް ސްޓެކަރގެ ސަބަބުން ފެލިވަރުގެ މަސައްކަތްތަކަށް ލުއިތަކެއްލިބި ހަރަދު ކުޑަވެގެންދާނެކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
ފެލިވަރަށް ގެންދިޔަ ރީޗް ސްޓެކަރއަކީ ފެލިވަރު މަސް ބަންދުކުރާ ކާރުކާނާއިން ކުރިއަށްގެންދާ މަސްކިރުވުމުގެ މަސައްކަތްތައް ހަލުވިކޮށް ހަރުދަނާކުރުމަށް ގެންދިޔަ އުޅަނދެކެވެ. މި ރީޗް ސްޓެކަރ ގެންދިއުމުގެ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިސްމާއިލް ފައުޒީއެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ.
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، މި ރީޗް ސްޓެކަރ ފެލިވަރަށް ގެންދިއުމުން ފެލިވަރުގެ މަސައްކަތްތަކެއް ފަސޭހަވެ، އަވަސްވެގެންދާނެކަމަށެވެ. ޢަދި މީގެ ސަބަބުން 40 ފޫޓުގެ ކޮންޓެއިނަރ ފުލް ލޯޑްގައި ލޭންޑިންގ ކްރާޕްޓްތަކަށް ލޯޑްކޮށްގެން މާލޭގެ ޕޯޓާއި ހަމައަށް ގެނެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"ރީޗް ސްޓެކަރގައި މައިގަނޑުގޮތެއްގައި އަޅުގަނޑުމެން މި ބޭނުންކުރަނީ ފެލިވަރުގެ ޕްރޮޑަކްޝަންގައި މިހާރު މި ނިންމާ ފިނިޝް ޕްރޮޑަކްޓް އެކްސްޕޯޓްކުރުމަށް ބޭނުންކުރުމަށް އަދި ފެލިވަރުގައި މަސްކިރުމަށް މިހުރި ދަތިތަކާއި ސްޓޯރޭޖަށް ދިމާވެފަ ހުރި މައްސަލަތަކަށް ހައްލެއް ހޯދަން އަޅުގަނޑުމެން ރީފަރ ކޮންޓެއިނަރ ތަކެއް އެބަ އޮޕަރޭޓްކުރަން. އެވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑު ލުޔަކަށް ވާނެ. އެފިޝިއަންސީގެ ގޮތުން ތަންކޮޅެއް ފަސޭހަވާނެ ކުރިއަށްވުރެ. އެއީ ސީދާ 40 ފޫޓުގެ ކޮންޓެއިނަރ ހަމަ ފުލް ލޯޑްގައި ލޯޑްކޮށްގެން ސީދާ ލޭންޑިންގ ކްރާޕްޓްތަކަށް ލޯޑްކޮށްގެން މާލޭގެ ޕޯޓާއި ހަމައަށް ގެނެވޭނެ. މިހާރުވެއްޖިއްޔާ ކޫއްޑޫއިން ލޯޑްކޮށްގެން މާލެއަށް މި ގެންދަނީ. ކޮސްޓްގެ ގޮތުން ބަލާނަމަވެސް މިފްކޯއަށް ލުއިތަކެއް ހުންނާނެ." އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއެކުރުމަށްފަހު ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، މި ރީޗް ސްޓެކަރއަކީ އެމްޕީއެލްގެ މަސައްކަތްތަކުގައި ބޭނުންކުރާ ރީޗް ސްޓެކަރ އެއްކަމަށެވެ. ރީ ސްޓެކަރ މިފްކޯއަށް ދިނީ މިއީ މިފްކޯގެ މަސައްކަތައް މުހިންމު އެއްޗަކަށް ވާތީކަމަށާއި އަދި މި ރީޗް ސްޓެކަރ އޮޕަރޭޓްކުރުމަށް މިފްކޯގެ މުވައްޒަފުންނަށް ޓްރެއިނިންވެސް ދޭނެކަމަށް ޝާހިދު ވިދާޅުވިއެވެ.
"މި ރީޗް ސްޓެކަރއަކީ އެމްޕީއެލްގެ އޮޕަރޭޝަންސްތަކުގައި ބޭނުންކުރަމުން އަންނަ ކޮންޓެއިނަރ ހޭންޑްލިން ވަރަށް މުހިންމު އިކުއިޕްމަންޓެއް. މިފްކޯގެ މި ރިކުއަޔަރމަންޓަކީ ވަރަށް މުހިންމު ރިކުޔަމަންޓަކަށްވާތީ އަދި މަސްވެރިކަމުގެ މުޅި ސިނާއަތާއި ގުޅިފައިވާކަމަކަށްވާތީ އެމްޕީއެލްއިން މިފްކޯގެ ރިކުއެސްޓަކަށް އަޅުގަނޑުމެން މި ރީޗް ސްޓެކަރ ދޭން މިނިންމީ. މިފްކޯގެ ސްޓާފުން ޓްރެއިން ކުރުމުގެ މަސައްކަތްވެސް އެބަކުރަން ކުރިމަގުގައި މިފްކޯއަށް އަމިއްލައަށް ރީޗް ސްޓެކަރ އޮޕްރޭޓްކޮށް މި އޮޕަރޭޝަން ފަސޭހަކަމާއިއެކު ގެންދިއުމަށް މަގުފަހިކޮށްދިނުމަށްޓަކައި." ޝާހިދު އަލީ ވިދާޅުވިއެވެ.
އެމްޕީއެލްއިން މިފްކޯއަށް މި ރީޗް ސްޓެކަރ ދީފައިވަނީ ކުޑަ އަގެއްގައި ދިގު މުއްދަތަކަށް އަގު އަދާކުރާގޮތަށެވެ. އެމްޕީއެލްއިން ބުނީ މާކެޓުގައި މިވަރުގެ އެއްޗެއް ގަންނަނަމަ ބޮޑު އަގެއްއަރައި ގެނައުމަށް ދިގު މުއްދަތެއް ނަގާނެކަމަށެވެ.
މީގެ ވެހިކަލްތަކަކީ އެއް ކޮންޓެއިނަރ އަނެއް ކޮންޓެއިނަރގެ މައްޗަށް ބަރުކުރުމުގައި ބޭނުން ކުރާ ވެހިކަލެކެވެ.
މިފްކޯއިން ވިދާޅުވީ ފެލިވަރުން މަސް ކޮންޓެއިނަރުތައް ބޭރުކުރާއިރު ދިމާވާ މައްސަލަތައް ޙައްލުވެ ގިނަ އަދަދެއްގެ ކޮންޓެއިނަރ އެއް ފަހަރާ ބޯޓަށް އެރުވޭނެ މަގު މިވެހިކަލްގެ ސަބަބުން ފަހިވެގެންދާނެކަމަށެވެ.