ފްރީގައިޒް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މިސްކިތްމަގު އެންމެންގެ ގުޅުން ހޯދައިފިއެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ މިރޭ ފުވައްމުލަކުގައި ކުޅުނު ފައިނަލްގައި ސީދާ 3 ސެޓުން ދަޑިމަގު ރަނިން ބަލިކޮށްގެންނެވެ.މިސްކިތްމަގު އެންމެންގެ ގުޅުން މެޗުގެ ސެޓްތައް ގެންދިޔައީ 25-16، 25-15 އަދި 25-21 ނެވެ. މެޗު ކާމިޔާބުކުރުމުގައި ޚާއްޞަކޮށް 3 ވަނަ ސެޓްގައި ދަޑިމަގު އަތުގައި އޮތް ލީޑް އަތުލައި މެޗު ކާމިޔާބުކުރުމުގައި މެޗު ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިން ޓީމާއި ގުޅުނު ޤައުމީ ޓީމްގެ އައިޝަތު މާޖިދާގެ ސަރވިސްތަކާއި ކުޅުން މުޙިއްމު ދައުރެއް އަދާކުރިއެވެ. އޭނާގެ ނަން އެޓީމްގެ ލިސްޓްގައި ހިމަނާފައިވީނަމަވެސް ކުޅެފައިވަނީ ހަމައެކަނި މިރޭގެ މެޗުގައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ މިސްކިތްމަގު ޓީމްގެ ނޭޕާލް ކުޅުންތެރިޔާ ކޮޕިއްލައެވެ. އަންހެން ޑިވިޝަންގެ އެންމެ މޮޅު 6 ކުޅުންތެރިންނަކީ ދަޑިމަގު ރަނިންގެ ފާޠިމަތު ޖޫޒާން ޒަރީރު، އެޓީމްގެ އިންޑިޔާ ކުޅުންތެރިޔާ ތިޖީ ރާޖު، މިސްކިތްމަގު އެންމެންގެ ގުޅުމުގެ ކޮޕިލް އެޕްރަތީ، އައިޝަތު މާޖިދާ ( ފުވައްމުލަކު ) ފިސްޑާ ޓީމްގެ ލަންކާ ކުޅުންތެރިޔާ ވަސޫ އަދި ފުނާޑްގެ ލަންކާ ކުޅުންތެރިޔާ ތިލިނީއެވެ. އެންމެ މޮޅު ކޯޗަކީ މިސްކިތްމަގުގެ ނޭޕާލް ކޯޗު ކަޕިލް ކިޝޯރުއެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަކީ ދަޑިމަގު ރަނިންއެވެ. ނަމަވެސް މެޗަށްފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި އެޓީމް ބައިވެރިއެއް ނުވެއެވެ. އެއީ ވަކި ޓީމަކަށް ޗެމްޕިއަންކަން ހޯދައިދޭން ޝެޑިއުލްއަށް ބަދަލުގެނެސްފައިވާކަމަށް ބުނެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅޭނީ މާދަމާ ހަވީރުއެވެ. ވާދަކުރާނީ ފިސްޑާއާއި އަފުން ޓީމެވެ.