ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދެއްވި ފައިސާއަށް ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ޚިޔާނާތްތެރިވިކަމަށް ވިދާޅުވެ އެ މައްސަލަ ފުލުހުންނަށް ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ހުށައަޅުއްވައިފުއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް 29 މިލިއަން ރުފިޔާ ދެއްވިކަމަށް ޖާބިރު މީގެކުރިންވެސް ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށައެޅުއްވިކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.
ފާރިސްގެ މައްސަލަ ފުލުހުންނަށް ހުށަހަޅުއްވައި ދިޔާނާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެ ފައިސާ ހޯދުމަށް މައުމޫން ވިދާޅުވި ބަސްފުޅު ގެރެންޓީއަކަށް ނުވިކަމަށެވެ. އަދި އެ ފައިސާ ލިބިވަޑައިގެންފައިނުވާކަމަށް ޖާބިރުގެ ފަރާތްޕުޅުން ސިވިލްކޯޓަށް ހުށައެޅި މައްސަލައިގެ ޝަރީއަތުގެ މަރުހަލާގައިވެސް ރައީސް މައުމޫން ވިދާޅުވިކަމަށްވެސް ދިޔާނާގެ ސިޓީގައިވެއެވެ.
ދިޔާނާ ވިދާޅުވީ ސިވިލްކޯޓުގައި އޮތް މައްސަލަ އެއްވެސް ހެއްކެތް ހާޒިރުކުރުމެތްނެތި ހުކުމާއި ހަމައަށް ގޮސްފައިވާކަމަށެވެ. އެހެންކަމުން ހިޔާނާތުގެ ތަހުގީގު ފާރިސްގެ މައްޗަށް ކޮށްދެއްވުން އެދޭކަމަށާއި ތަހުޤީގުގައި ހެކި ހުށައަޅާނެކަމަށްވެސް ދިޔާނާ ފުލުހުންނަށް ހުށައެޅުއްވި ސިޓީގައިވެއެވެ.
ދިޔާނާ ސިޓީގައި ވިދާޅުވީ ރައީސް މައުމޫން މި ފައިސާ ހޯއްދަވަން އެދިވަޑައިގަތީ ރަހުނުގެ ގޮތުގައި ކިނބިގަސްދޮށުގޭގެ ރަޖިސްޓްރީ ބާވަންވެސް ތައްޔާރަށް ހުންނަވާ މެލޭޝިއާގައި އޮތް ބައްދަލުވުމުގެ ތެރެއިންކަމަށެވެ.
އެހެންނަމަވެސް ޖާބިރުގެ މި ތުހުމަތުތައް ރައީސް މައުމޫންވަނީ ދޮގުކުރައްވާފައެވެ.