ކޯވިޑް-19

ކޯވިޑް-19 : ޕޮޒިޓިވްވާ ޢަދަދު 50އިން މަތީގައި ހުންނަތާ ހަފްތާއެއް


ރާއްޖެއިން ކޯވިޑް-19އަށް އިތުރު 65 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 65 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 38 މީހުން ހިމެނެއެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން އެކަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 26 މީހުން ވަނީ ޕޮޒިޓިވްވެފައިވެއެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 14،830 އަށް އަރާފައެވެ. އެޗް.ޕީ.އޭއިން ކޮންމެ ދުވަހަކު ހާމަކުރަމުންދާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިމަހުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވާ މީހުން ޢަދަދު މިވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު 50އިން މަތީގައި ހުންނަތާ މިއަދަށްވަނީ ހަފްތާއެއް ވެފައެވެ. ރާއްޖޭގައި ފަހަކަށް އައިސް މި ބަލިޖެހޭ މީހުންގެ ތެރޭގައި ގިނައީ ރިސޯޓު މުވައްޒަފުންނާއި ފަތުރުވެރިންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 48 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 13،731 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 1،042 މީހުންނެވެ. އަދި މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 69 މީހުންނަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 2،882 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު މިބަލި ދެނެގަތުމަށް ޖުމްލަ 379،612 ސާމްޕަލްވަނީ ނަގާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 50 މީހުން ވަނީ ނިޔާވެފައެވެ. އެއީ 42 ދިވެހިންނާއި، 8 ބިދޭސީންނެވެ.