ރާއްޖެއިން އިތުރު 53 މީހުން ޕޮޒިޓިވްވެ ކޯވިޑް19 ޖެހުނު މީހުންގެ ޢަދަދު 14765އަށް އަރައިފިއެވެ.
ބުދަ ދުވަހުގެ އިރުއޮއްސި 06:00އިން ފެށިގެން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 06:00އާ ހަމައަށް ކޯވިޑް-19އަށް އަލަށް ޕޮޒިޓިވްވި 53 މީހުނެގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 29 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 5 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވްވި 17 މީހެކެވެ. އަދި ސަފާރީއަކުން ޕޮޒިޓިވްވި މީހަކާއި ހަދަމުންދާ ރިސޯޓަކުން ޕޮޒިޓިވްވި މީހެއްވެސް މީގެތެރޭގައި ހިމެނެއެވެ.
މިއާއެކު ރާއްޖެއިން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 14765އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑް19އިން އަލަށް ރަނގަޅުވެފައިވަނީ 44 މީހުންނެވެ. މި 44 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު މިވަނީ 13683އަށް އިތުރުވެފައެވެ.
ރާއްޖޭގައި މިވަގުތު ކޯވިޑް19އަށް ޕޮޒިޓިވް ތިބީ 1025މީހުންނެވެ. މީގެތެރެއިން 74މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއްވައެވެ.
ވޭތުވެދިޔަ 24ގަޑިއިރު ކޯވިޑް-19އަށް ޓެސްޓުކުރުމަށްތަކައި 2541 ސާމްޕަލް ނަގާފައިވެއެވެ. ކޯވިޑް-19 ބަލި ދެނެގަތުމަށް މިހާތަނަށް ރާއްޖޭގައި 376،877 ސާމްޕަލްވަނީ ނަގާފައެވެ. މީގެތެރޭގައި ރިޕީޓް ސާމްޕަލްތަކާއި އަލަށް ބައްޔަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްތައް ހިމެނެއެވެ.
ކޯވިޑް-19 ބަލީގައި ރާއްޖޭގައި 50މީހުންވަނީ ނިޔާވެފައެވެ. އެއީ 42 ދިވެހިންނާ 8 ބިދޭސީންނެވެ.