ކޯވިޑް-19ގެ ވެކްސިން ރާއްޖޭގައި ޖެހުމަށްޓަކައި ޞިއްޙީ ޚިދުމަތްތެރިން ތަމްރީންކުރުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ފަށައިފިއެވެ.
ކޯވިޑް-19ގެ ވެކްސިން ޖަހަން ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ފަށާފައިވާއިރު، މިކަމަށް ޞިއްޙީ ޙިދުމަތްތެރިން ތަމްރީންކުރުމުގެ މަސައްކަތް އެޗް.ޕީ.އޭއިން ކުރަމުންދަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޤިއްޔާއާއި ޔުނިސެފްއާއި ގުޅިގެންނެވެ.
ދިވެހިރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ޖެހުމަށް ބޭނުންވާ މީހުން ތަމްރީންކުރުމުގެ މަސައްކަތުގެދަށުން، އަތޮޅުތަކާއި ރަށު ފެންވަރުގައި ހަރަކާތްތެރިވާ ޞިއްޙީ ޙިދުމަތްތެރިންނަށް ޚާއްސަކޮށްގެން ތަމްރީން ސެޝަންތަކެއް އޮންލައިންކޮށް ވަނީ ފަށާފައެވެ. މި ތަމްރީންތަކުގައި އަތޮޅު ހޮސްޕިޓަލްތަކާއި، ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރާ 290 ޞިއްޙީ ޙިދުމަތްތެރިން ބައިވެރިވެފައިވާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.
މި ތަމްރީންތަކުގައި، ވެކްސިން ޖެހުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި، އެއްތަނުން އަނެއްތަނަށް ރައްކާތެރިގޮތުގައި ވެކްސިން ޑެލިވަރކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ބައިވެރިންނަށްވަނީ ކިޔާދީފައެވެ. އަދި ވެކްސިނަށް އުފެދިފައިވާ ޑިމާންޑާއި، ވެކްސިނާގުޅޭގޮތުން ކޮންމެހެން އެނގެންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްދީފައިވެއެވެ. ހަމައެހެންމެ ވެކްސިން ޖެހުމުގެ ސަބަބުން ދިމާވެދާނެ ސައިޑް އިފެކްޓްސްތައް މޮނިޓަރކުރާނެގޮތްތަކާއި، ވެކްސިނާގުޅޭގޮތުން އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.
ދުނިޔޭގެ ބައެއް ޤައުމުތަކުގައި ކޯވިޑް-19ގެ ވެކްސިން މިހާރު ރޯލް-އައުޓްކުރަން ފަށާފައިވާއިރު، ރާއްޖޭގައިވެސް ކޯވިޑް ވެކްސިން ޕްރޮގްރާމް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން ވެކްސިން ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ޤާއިމުކޮށް، އެއްތަނުން އަނެއްތަނަށް ފަސޭހައިން ވެކްސިން ގެންދެވޭނެ ނިޒާމު ޤާއިމުކުުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗް.އީ.އޯ.ސީން ވަނީ ހާމަކުރައްވާފައެވެ.
ދިވެހިރާއްޖެއަށް ކޯވިޑް-19ގެ ވެކްސިންގެ އެންމެ ފުރަތަމަ ހަދިޔާކޮށްފައިވަނީ އަވަށްޓެރި އިންޑިއާއިންނެވެ. އިންޑިއާއިން ހަދިޔާކުރި ކޯވިޑް-19 ވެކްސިންގެ އެއްލައްކަ ޑޯޒުގެ ޝިޕްމަންޓް ރާއްޖެގެނެސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އިންޑިއާއިން ހަދިޔާކުރި "ކޮވިޝީލްޑް" ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާގެ ރިސަރޗްގެ މައްޗަށް ބިނާކޮށް އިންޑިއާގެ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ، އެސް.އައި.އައި ކުންފުނިން އުފައްދާ ވެކްސިނެކެވެ. އަދި ސިންގަރޕޫރުގެ އެސްޓްރާޒެނެކާއިން އުފައްދާ ވެކްސިންގެ 7 ލައްކަ ޑޯޒް ގަތުމަށް ދިވެހިރާއްޖެއިން އެކުންފުންޏާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މީގެއިތުރުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޤާއިމުކޮށްފައިވާ ކޯވެކްސް ފެސިލިޓީގެ ތެރެއިން ވެކްސިން ހޯދުމުގެ މަސައްކަތް ރާއްޖެއިން ކުރަމުންދާއިރު، އެހެން ޤައުމުތަކުންވެސް ވެކްސިން ހޯދުމުގެ މަސައްކަތް ރާއްޖެއިން ދަނީ ކުރަމުންނެވެ.
ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ޖެހުމުގައި މިވަގުތު އެންމެ އިސްކަން ދޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ސިއްޙީ ޚިދުމަތްދޭ ފަރާތްތަކާއި، ސޯޝަލް ކެއަރގައި ހަރަކާތްތެރިވާ ފަރާތްތަކެވެ. އަދި އުމުރުން 50 އަހަރަށްވުރެ މަތީގެ މީހުންނާއި، 50 އަހަރާއި 18 އަހަރާއި ދެމެދުގެ ހައި ރިސްކް މީހުންނާއި، ޓީޗަރުންނާއި ޕޮލިހުންނާއި، ސިފައިންގެ އިތުރުން ޓްރެވަލް އިންޑަސްޓްރީ ފަދަ ބައްޔަށް ފަސޭހައިން ހުށަހެޅޭ ފަރާތްތަކަށްވެސް ވެކްސިން ޖެހުމަށް ވަނީ ނިންމާފައެވެ. އެހެންނަމަވެސް ކުޑަކުދިންނާއި މާބަނޑު މީހުންނަށް ވެކްސިންދޭން އަދި ނިންމާފައެއް ނުވެއެވެ.
ކޯވިޑް-19 ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް މިމަހުގެ 18 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ފުރަތަމަ މި ފުރުޞަތު ހުޅުވާލާފައިވަނީ ސިއްޙީ ޚިދުމަތްތެރިންނަށާއި ސޯޝަލް ކެއަރ ވޯކަރުންނަށެވެ. އަދި ވަރަށް ކައިރި މުސްތަޤުބަލެއްގައި އާއްމުންނަށްވެސް ރަޖިސްޓްރީވާން ހުޅުވާލާނެކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވެއެވެ. އަދި އަމާޒަކީ ޕޯޓަލްގައި ރަޖިސްޓްރީވާ ފަރާތްތަކަށް ވެކްސިން ޖަހާނެ ތާރީޙާއި ވަގުތާއި ތަން އެސް.އެމް.އެސް އެއް މެދުވެރިކޮށް އެންގުންކަމަށާއި، އެކަމަށް ތައްޔާރުވަމުންދާކަމަށްވެސް އެ ސެންޓަރުން ވަނީ ހާމަކުރައްވާފައެވެ.