ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލޯން ސްކީމްގައި ޚާއްސަ ކެޓަގަރީއެއް


އަންނަ އަހަރު މަތީ ތަޢުލީމުގެ ދާއިރާއިން ހުޅުވާލާ ލޯން ސްކީމްގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޖާގައެއް ދިނުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ނިންމައިފިއެވެ.

މިނިސްޓްރީން ވަނީ މި ކެޓަގަރީން ލޯނަށް ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާކަން ކަށަވަރު ކުރުމަށް އަންގަވާފައެވެ. މަތީ ތައުލީމާއި ތަމްރީންގެ ދާއިރާއިން ދޫކުރާ ލޯނުގެ އެހީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިނުމަށް މިނިސްޓްރީން ނިންމާފައިމިވަނީ ސަރުކާރުން މި ފަރާތްތަކަށްޓަކައި ކުރާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިންނެވެ. ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްޓަކައި ކުރެވޭ މަސައްކަތްތައް ނިސްބަތުން މަދު ނަމަވެސް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި މަސައްކަތްތަކެއް ފެށިފައިވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި މި މަސައްކަތުގެ ތެރެއިން

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ކޯސްތައް ފަރުމާކުރުމަށް ޖެންޑަރ މިނިސްޓްރީއާއި ގުޅިގެން މައުލޫމާތު އެއްކުރަމުން އަންނަ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަހަރު ވަނީ ވިދާޅުވެފައެވެ. އަދި މި ފަރާތްތަކުގައި ހުންނަ ނުކުޅެދުންތެރިކަމާއި ހުނަރުތައް ދެނެގަތުމަށްވެސް މިނިސްޓްރީން މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެވޭ ތެރަޕީތަކާއި އިތުރު ފަރުވާތަކަށް ދިވެހިން ތަމްރީންކޮށް މިދާއިރާއިން ޢާއްމުންގެ ހޭލުންތެރިކަން އިތުރުކޮށްދިނުމަށް ތައުލީމީ ދާއިރާއިން މަސައްކަތް ކޮށްދެއްވުމަށް މިފަރާތްތަކުގެ ބެލެނިވެރިންވަނީ މީގެ ކުރިންވެސް މިނިސްޓްރީގައި އެދިފައެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވުމަކީ ވިސްނުން ކޮށިވާކަމެއް ނޫންކަމަށާއި ޢާއްމު ކުދިންނަށްވުރެ ތޫނުފިލި ކުދިން މިފަދަ ފަރާތްތަކުގެ ތެރޭގައި ތިބިކަން ފާހަގަކޮށް އެކުދިންނަށްވެސް އެހެން ކުދިންނަށް ހުރި ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ބެލެނިވެރިންވަނީ އެދިފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި ވޭތުވެދިޔަ ދުވަސްތަކުގައި ކުރެވުނު މަސައްކަތުން ޚާއްސަ އެހީއަށް ބޭނުންވާ 10 މީހަކު މިހާރު އަންނަނީ ވަޒީފާ އަދާކުރަމުންނެވެ.