ރާއްޖެއިން ކޯވިޑް-19އަށް އަލަށް ޕޮޒިޓިވްވި 79މީހުންނާއެކު ރާއްޖޭގައި ކޯވިޑް19ގެ އެކްޓިވް ކޭސްތަކުގެ އަދަދު ނުވަތަ މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު ހާހަކުން މައްޗަށް އަރައިފިއެވެ.
ހެލްތް ޕްރްޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއާއި ރިޒޯޓްތަކުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުހުރީ ދާދި އެއްހަމައެއްގައެވެ.
އަންގާރަދުވަހުގެ އިރުއޮއްސި 06:00އިން ފެށިގެން ބުދަ ދުވަހުގެ އިރުއޮއްސި 06:00އާއި ހަމައަށް ރާއްޖެއިން އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވި 79މީހުންނާއެކު ކޯވިޑް19އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 14712އަށް އަރާފައެވެ.
ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 36މީހުންނާ، ރިޒޯޓްތަކުން ބައްޔަށް ޕޮޒިޓިވްވި 35މީހުންނާ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 6 މީހުންނާއި ސަފާރީތަކުން ޕޮޒިޓިވްވި ދެ މީހެކެވެ.
ވޭތުވެދިޔަ 24ގަޑިއިރު ބަލިން ރަނގަޅުވެފައިވަނީ ޖުމުލަ 24މީހުންނެވެ. މި 24މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 13639އަށް އަރާފައެވެ.
މިއަހަރު ފެށުނުއިރު ކޯވިޑް-19ގެ ކޭސްތަކުގެ ޢަދަދު ވަރަށް ބޮޑަށް ދަށްވެފައިވީނަމަވެސް، މިހާރު އަނެއްކާވެސް މިވަނީ ޢަދަދުތައް ވަރަށް ބޮޑަށް މައްޗަށް ޖެހެން ފަށާފައެވެ. އަލަށް ޕޮޒިޓިވްވި މީހުންނާއެކު މިވަގުތު ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު މިވަނީ 1017އަށް އަރާފައެވެ. މީގެތެރެއިން 79މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް 19އަށް ޓެސްޓްކުރުމަށް ވޭތުވެދިޔަ 24ގަޑިއިރު ނެގި ސާމްޕަލްގެ އަދަދުވެސް ވަރަށް މައްޗެވެ. ޓެސްޓު ކުރުމަށް 3428ސާމްޕަލްވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓުކުރުމަށްޓަކައި ނެގި ސާމްޕަލްތަކުގެ ޢަދަދުވަނީ 374217އަށް އަރާފައެވެ.
ރާއްޖޭގައި މި ބަލީގައި ނިޔާވެފައިވަނީ 49މީހުންނެވެ. އެއީ 41 ދިވަހިންނާ 8 ބިދޭސީންނެވެ.