ކޯވިޑް-19

ޖަޕާނުން ރާއްޖެއަށް 5.6 މިލިއަން ޑޮލަރުގެ ޞިއްޙީ ސާމާނު ހަދިޔާކޮށްފި


ޖަޕާނުން ރާއްޖެއަށް 5.6 މިލިއަން ޑޮލަރުގެ ޞިއްޙީ ސާމާނު ހަދިޔާކޮށްފިއެވެ.

ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް މިތަކެތި ހަދިޔާކޮށްދެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ. އަދި ރާއްޖޭގެ ފަރާތުން މިތަކެއްޗާއި ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމެވެ.

ޖަޕާން ސަރުކާރުން ރާއްޖެއަށް މިތަކެތި ހަދިޔާކޮށްފައިވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކޮށް، އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރާ މަސައްކަތަށް އެހީތެރިވެ ދިނުމުގެގޮތުންކަމަށް ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން ވިދާޅުވެއެވެ.

އެގޮތުން ޖަޕާނުން ހަދިޔާކުރި ޞިއްޙީ ސާމާނުތަކުގެ ތެރޭގައި ހޮސްޕިޓަލްތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް 65 ބެޑްސައިޑް މޮނީޓަރާއި، 19 ޕޯޓަބަލް އަލްޓްރާ ސައުންޑް އިމޭޖް ސިސްޓަމާއި، 19 ޑިފިބްރިލޭޓަރސް، 10 ޕޯޓަބަލް އެކްސްރޭ މެޝިން، 132 ސިރިންޖް ޕަމްޕާއި، 132 ސިރިންޖް ޕަމްޕް އެސެސަރީޒް ހިމެނެއެވެ. މި ތަކެތީގެ އަގު 600 މިލިއަން ޖަޕަނީސް ޔެން ނުވަތަ ގަތްގަނޑަކަށް 5.6 މިލިއަން ޑޮލަރަށް އަރާނެކަމަށްވެސް ޖަޕާން އެމްބަސީން ވިދާޅުވެއެވެ.

ކޯވިޑް-19ގެ މި ޙާލަތުން އަރައިގަތުމަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރުން މުހިއްމުކަން ފާހަގަކުރައްވައި، ރާއްޖޭގައި މި ބަލިމަޑުކަން ކޮންޓްރޯލްކޮށް، މިކަމުގެ ސަބަބުން ޞިއްޙީގޮތުންނާއި، އިޤްތިޞާސީ އަދި އިޖްތިމާޢީގޮތުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ޖަޕާނުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެކަމަށް ޖަޕާނު އެމްބަސީން ވަނީ ހާމަކުރައްވާފައެވެ.

ވަކިން ޚާއްސަކޮށް ރާއްޖޭގެ ޞިއްޙީ ދާއިރާ ކޮޅަށްޖެހުމަށް ކުރާ މަސައްކަތްތަކަށް މަލީގޮތުންނާއި ފަންނީގޮތުން އެހީވުމަށް އެ ޤައުމު އަބަދުވެސް އޮތީ ތައްޔާރަށް ކަމަށް ޖަޕާން އެމްބަސީން ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭން ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ޖަޕާނުން އަންނަނީ ބޮޑެތި އެހީތަކެއްވަމުންނެވެ. އެގޮތުން ހިލޭ އެހީއާއި ލޯނު އެހީ ފޯރުކޮށްދީފައިވާއިރު، ގިނަ އަދަދެއްގެ ޞިއްޙީ ސާމާނާއި، ގިނަ އަދަދެއްގެ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަްޓް ޖަޕާނުން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.