ކޯވިޑް-19ގެ ކޭސްތައް މިދިޔަ އަހަރުގެ މަރޗްމަހު ރާއްޖެއިން ފެނުމާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުންވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ނަތީޖާއެއްގެ ގޮތުން ކޯވިޑްގެ ކޭސްތައް މިދިޔަ އަހަރު ނިމުނު އިރުވަނީ ވަރަށްބޮޑުތަނުން ދަށްވެގެން ގޮސްފައެވެ. ކޯވިޑްގެ ކޭސްތައް ފެންނަ މިންވަރު މަދުވާން ފެށުމުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށްވެސްވަނީ ލުއިދީފައެވެ.
މިދިޔަ އަހަރު ނިމެންއައި އިރު ކޯވިޑްގެ ކޭސްތައް މަދުވެގެން އައުމުގެ ސަބަބުން އާއްމުންގެ މެދުގައި މިބައްޔާއިމެދު އޮތް ބިރުވެރިކަން ކުޑަވެ، ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ސަމާލުކަން ދޭ މިންވަރުވަނީ ކުޑަވެފައެވެ. ގައިޑްލައިންތަކަށް އަމަލު ކުރުމުގައި ކުރިޔަށްވުރެ ފަރުވާކުޑަ ކުރެވި ސިއްޙީ މާހިރުންގެ އިރުޝާދުތައް މަޑުމަޑުން ހަނދާންނެތެތަންވަނީ ފެންނަން ފަށާފައެވެ. މިކަމުގެ ނަތީޖާއަކަށްވީ އަނެއްކާވެސް ކޯވިޑްގެ ކޭސްތައް އިތުރުވާން ފެށުމެވެ.
މިދިޔަ އަހަރު ނިމިގެންއައި އިރު އެކްޓިވް ކޭސްތަކުގެ އަދަދު ވަރަށް ބޮޑުތަން ކުޑަވި ނަމަވެސް މިހާރު މިވަނީ އެއަދަދު 900 އަށްވުރެ އިތުރުވެފައެވެ. އަދި މިމަހުގެ 15 އާއި ހަމައަށް 600 އަށް ވުރެ ގިނަ މީހުން ވަނީ ކޯވިޑް އަށް ޕޮޒިޓިވްވެފައެވެ. ކަމާބެހޭ ފަރާތްތަކުން އަންނަނީ ގައިޑްލައިންތަކުގައި ހިފެހެއްޓުމަށާއި އެއާއި އެއްގޮތައް އަމަލުކުރުމަށް އާއްމުންނަށް ހަނދާންކޮށްދެމުންނެވެ.
ކޯވިޑް-19އިގަ އެންމެ ފަހުން ފެނުނު ގއ. ދެއްވަދޫގެ ކްލަސްޓަރއާއި ގުޅިގެން އެ އަތޮޅުގެ ފެރީގެ ޚިދުމަތްދޭ "ކޮއިމަލާ 4" އިން ދަތުރުކުރި ފަރާތްތައްވެސް ވަނީ ކަރަންޓީންވާން އަންގާ ކޮންޓްރެކްޓް ޓްރެސިންގގެ މަސައްކަތް ފަށާފައެވެ.
އެޗްއީއޯސީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ހެޑް އޮފް ކޮންޓެކްޓް ޓްރެސިންގް ކްލަސްޓަރ އައިމިނަތު އަރޫޝާ ވިދާޅުވީ ދަތުރުފަރުތު ކުރުމުގައި އަމަލުކުރަން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް މިހާރު އަމަލުކުރަމުން ނުދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
"ކޮއިމަލާ 4 އާއި ގުޅިގެން އަޅުގަނޑުމެން މިވަނީ އަތޮޅު ތެރޭގެ ވަރަށް ގިނަ ފަރާތެއް ކަރަންޓީން ކުރަންޖެހިފަ. މިގޮތަށް މިކަންތައް ދިމާވަނީ އަޅުގަނޑުމެންގެ ދަތުރުފަތުރު ކުރުމަށްޓަކާ ކަނޑައެޅިފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އެންމެ އެކަށީގެންވާ ގޮތައް އެޅިފައި ނުވުމާ ގުޅިގެން. އެހެންކަމުން ކުރިޔަށް އޮތްތާނގައިވެސް އެހެން ފަރާތްތަކުންވެސް ދަތުރުފަތުރު ކުރުމުގައި މިގޮތަށް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތައް އަމަލުކުރުމަކީ މުހިންމުކަމެއް." އައިމިނަތު އަރޫޝާ ވިދާޅުވިއެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ނަޒްލާ ރަފީޤު ވެސް ވަނީ ހުރިހާ ފަރާތްތަކުންވެސް ހުރިހާ ވަގުތެއްގައިވެސް ބަލި ފެތުރިދާނެކަމަށާއި ބަލި އުޅޭ ކަމަށް ދެކިގެން ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވާފައެވެ. ނަޒްލާ ވިދާޅުވީ އެގޮތަށް އަމަލު ކުރާނަމަ ބަލި ޖެހިފައިވާ މީހަކު އެތަނެއްގައި ހުރި ނަމަވެސް އޭނަގެ ފަރާތުން އެހެންމީހުންނަށް ބަލި ފެތުރުން ކުޑަ ކުރެވޭނެކަމަށެވެ.
އެޗްއީއޯސީގެ ގައިޑްލައިންގައި ފެރީގެ ޚިދުމަތްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސަމާލުވާންޖެހޭ ކަންތައްތަކުގެ ތެރޭގައި ކޯވިޑް-19 ގެ އަލާމަތެއްހުރިނަމަ މަސައްކަތަށް ނުނުކުތުމާއި، މާސްކް ބޭނުންކުރުމާއި، ފެރީގެ ތެރޭގައިވެސް ގައިދުރުކަން ދެމެހެއްޓުމަށް އިސްކަންދިނުން ހިމެނެއެވެ. އަދި ޚިދުމަތް ހޯދާ ފަރާތްތަކުންވެސް ސަމާލުކަން ދޭންޖެހޭ ކަންކަން ވަނީ ގައިޑްލައިންގައި ކަނޑައަޅާފައެވެ. އެގޮތުން މާސްކް އެޅުމާއި، ތަންތަނުގައި އަތްނުލުމާއި، ކޭޝްލެސް ޕޭމަންޓް ހެދުމާއި، ހޭންޑް ސެނަޓައިޒަރ އަތުގައި ގެންގުޅުން ހިމެނެއެވެ.