ޚަބަރު

ކައުންސިލް އިންތިޚާބު ބޭއްވޭގޮތަށް ޤާނޫނަށް އިޞްލާހު ގެނައުމުގެ ޖަލްސާ މިރޭ


ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުމަށް ދައުރުން ބޭރުން ބާއްވާ ޖަލްސާ މިރޭ އޮންނާނެއެވެ. މިޖަލްސާ އޮންނާނީ މިރޭ 08:30 ގައެވެ. މިޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 އަށް އިޞްލާޙު ގެނައުމެވެ. މި އިޞްލާހު ހުށައަޅާފައިވަނީ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ގެންނަ މައިގަނޑު އިޞްލާހުތަކުގެ ތެރޭގައި:

* ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ނަމަވެސް އިންތިޚާބު ބޭއްވޭނެ ޖާގަ ދިނުން.

* އިންތިޚާބުތަކާއި ބެހޭ ޤާނޫނާއި، ލާމަރުކަޒީ ޤާނޫނުގައި އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚުތަކަށް ކޮންމެހެން އަމަލު ކުރަން ޖެހޭގޮތަށް ބަދަލު ގެނައުން.

* އިންތިޚާބު ބާއްވާނެ ތާރީޚް ކަނޑައަޅައި، އިންތިޚާބު ބޭއްވުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ދިނުން.

މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން ތާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކޯވިޑް-19އާ ގުޅިގެން ބޭއްވޭގޮތް ނުވުމުން، ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނެއް އެކުލަވާލިނަމަވެސް، އެޤާނޫނުގެ ދަށުން މިހާރު މިއޮތް ޙާލަތުގައި އިންތިޚާބު ބޭއްވުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައެޅި ތާރީޚުގައި އިންތިޚާބު ނުބޭއްވޭނެކަން ކަށަވަރުވުމާއެކު މިހާރު ވަނީ އައު ތާރީޚެއް ކަނޑައަޅައި އެ ތާރީޚުގައި އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ފަށާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ފެބްރުވަރީމަހުގެ ކުރިން ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިޞްލާޙު ގެނެވިއްޖެނަމަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު އިންތިޚާބު ބޭއްވޭނެކަމަށެވެ. އަދި އެދުވަހަށް އިންތިޚާބު ބޭއްވުމަށް މިހާރު ވަނީ ތާވަލުވެސްކޮށްފައެވެ.