މިމަހުގެތެރޭގައި ކޯވިޑް-19ގެ ވެކްސިން ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރައްމުންދާކަމަށް ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވީ މިމަހުގެ ތެރޭގައި ވެކްސިން ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރިނަމަވެސް މިމަހު ގެންނާނީ ވަކި ކޮން ވެކްސިނެއްކަމެއް އަދި ވިދާޅުވާން ދަތިކަމަށެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ވެކްސިންގ ގަތުމަށް ނިންމާފައިވަނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާއިން ކަމަށް މިނިސްޓްރީ އޮފް ފިނޭސްއިން މިދިޔަ މަހުގެ 31ވަނަ ދުވަހުވަނީ ހާމަކުރައްވާފައެވެ. އަދި މިކަމާގުޅޭ އެއްބަސްވުން އަކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ސަރުކާރުން ވިދާޅުވެފައިވެއެވެ.
މިނިސްޓްރީން ވިދާޅުވެފައިވަނީ ރާއްޖޭގެ މުޅި އާބާދީއަށް ބޭނުންވާ މިންވަރަށް ސަރުކާރުން ވެކްސިން ގަތުމަށް ނިންމާފައިވާކަމަށެވެ. ރާއްޖެއިން މި ވެކްސިން ގަތުމަށް ނިންމާފައިވަނީ މިވެކްސިންއަކީ މިވަގުތު ތައްޔާރުކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ އެކަށޭނެ އަދި ރައްކާކުރުމަށް އެންމެ ފަހި ވެކްސިން ކަމުގައި ދުނިޔޭގެ ގިނަ ޤައުމުތަކުންވެސް ފާހަގަކުރާތީކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ވެކްސިން ރައްކާކުރުމަށް ބޭނުންވާ ފިނި ކޮށާރުތަކެއް ހެދުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރަމުންނެވެ. ޑަބްލިއުއެޗްއޯގެ އެހީގައި ބައިނަލްއަޤުވާމީ ވެކްސިން ޕްރޮގްރާމް ކޯވެކްސްގެ ދަށުން ރާއްޖޭގެ އާބާދީގެ %20އަށް ހިލޭ ވެކްސިން ލިބޭނެ ގޮތް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
ކޯވިޑް-19އަށް ވެކްސިނެއް ހޯދި، ބައެއް ބޮޑެތި ޤައުމުތަކުގައި މިހާރުވަނީ ވެކްސިން ދޭން ފަށާފައެވެ.