ވިޔަފާރި

ފްރާންސްގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ޙާއްސަ ކެމްފެއިނެއް


ފްރާންސްގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ކެމްޕެއިނެއް ފަށައިފިއެވެ.

އެމްއެމްޕީއާރުސީން ފްރާންސްގައި ފެށި ސޯޝަލް އަދި ޑިޖިޓަލް މާކެޓިންގ ކެމްޕެއިން ފަށާފައިވަނީ ފްރާންސްގެ އެންމެ ބޮޑު އެއް އޮންލައިން ޓްރެވެލް އެޖެންސީ އޮޑީޖިއޯ އާއިއެކުއެވެ.

އެމްއެމްޕީއާރުސީން ފްރާންސްގައި ފެށި ޑިޖިޓަލް މާކެޓިންގ ކެންޕެއިންގެ މަޤްސަދަކީ ފްރާންސްގައި ރާއްޖެ އިޝްތިހާރުކޮށް އެޤައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ކުރިއަށްއޮތްތަނުގައި އިތުރުކުރުންކަމަށް އެ ކުންފުނިން ބުނެއެވެ. މީގެއިތުރުން އޯޓީއޭތަކާއި ގުޅިގެން އެޤައުމުގެ ރައްޔިތުން ޗުއްޓީ ހޭދަކުރަން އެންމެ ރައްކާތެރި ޤައުމަކީ ރާއްޖެކަން ބުނެދިނުމަކީވެސް މި ކެންޕެއިންގެ މަޤްސަދެކެވެ.

އޮޑީޖިއޯއާއިއެކު ފެށި މި ކެމްޕެއިންގެ ދަށުން އެތަނުގެ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ އެކައުންޓަތަކުގައި ދިވެހިރާއްޖެ އިޝްތިހާރުކުރާނެއެވެ. މި ކެމްޕެއިން ކުރިއަށްދާނީ 2 މަސް ދުވަހުގެ މުއްދަތަކަށެވެ. މަހެއްގެ މައްޗަށް 1.6 މިލިއަން މީހުން ޒިޔާރަތްކުރާ އޮޑީޖިއޯ ވެބްސައިޓްގައި ދިވެހިރާއްޖެއަށް ޙާއްސަ މައިކްރޮސައިޓެއް ޔޫރަޕަށް ޙާއްސަ ވެބް ޕޭޖްގައި ވަނީ ހަމަޖައްސާފައެވެ. މި މައިކްރޮސައިޓް މެދުވެރިކޮށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ފަތުރުވެރިންނަށް ތަޖުރިބާކުރެވެން ހުންނަ ތަފާތު ކަންކަން ދައްކުވައިދޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި މައިކްރޮސައިޓްގެ އިތުރުން އޮޑީޖިއޯގެ ވެބްސައިޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހިރާއްޖެއާބެހޭ މައުލޫމާތު ހިމެނޭ އީމެއިލްވެސް ކެމްޕެއިންގެ ތެރެއިން ފޮނުވާނެއެވެ.

ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު ފްރާންސްއިން ރާއްޖެއަށް 5677 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި މިއަހަރުގެ ފުރަތަމަ 10 ދުވަހު ފްރާންސްއިން 1106 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ.