ދަ ގްރާންޑޭ 1-0 އިން ބަލިކޮށް ކްލަބް ގްރީންސްޓްރީޓްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
މެޗުގައި ގްރީންގެ ހަމައެކަނި ގޯލް 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްޕެނިޝް ފޯވާޑް އެންހެލް މުނޯޒެވެ. މިއީ ހަލީލް ގަމަލް ދިން ބޯޅަ އަކަށް އަރައި އޭރިއާ ތެރެއިން ގޯލްކީޕަރު ކައިރިން ނައްޓާލާފައި އޭނާ ޖެހި ގޯލެކެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ދަ ގްރާންޑޭއިން އެއްވަރުކުރުމާ ގާތަށް ދިޔަ ނަމަވެސް ސިޒާން އަހުމަދު ނެގި ބޯޅަ އޭރިއާ ތެރެއިން ޝިފާން ހަސަން ޖެހުމުން އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މިއީ ސީޒަނުގައި ގްރީން ސްޓްރީޓްސް އަށް ލިބުނު ފުރަތަމަ މޮޅެވެ. ލީގުގައި އެޓީމު ކުޅުނު ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ ފަހު ދެމެޗުން ވީ އެއްވަރެވެ. މިއީ ސީޒަނުގައި ދަ ގްރާންޑޭ ބަލިވި ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަނުގައި ވެސް ދަ ގްރާންޑޭގެ ބަލިނުވުމުގެ ރެކޯޑް ނިމުމަކަށް ގެނައީ ފަސް ވަނަ މެޗުގައި ގްރީން ސްޓްރީޓްސް އިންނެވެ.
ރޭގެ މޮޅާއެކު ގްރީން ސްޓްރީޓްސް ވަނީ ފަސް ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އުޅޭ ޓީމުތަކާ ގާތަށް ޖެހިލާފައެވެ. އެޓީމު ހަ ވަނައިގައި އޮތްއިރު ދަ ގްރާންޑޭ އޮތީ ހަ ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގައެވެ. ދަ ގްރާންޑޭގެ ފަހަތުން ހަތަރު ވަނަ އާއި ފަސް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ވެސް ވަނީ ހަ ޕޮއިންޓް ހޯދައިފައެވެ.
ތާވަލުގެ ހަތް ވަނައިގައި ހަތަރު ޕޮއިންޓާއެކު ކްލަބް އީގަލްސް އޮތްއިރު ފުލުގައި އޮތީ ދެ ޕޮއިންޓް ލިބިފައިވާ ޔުނައިޓެޑް ވިކްޓްރީއެވެ. ތާވަލުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ކްލަބް ވެލެންސިއާ އިން ވަނީ 11 ޕޮއިންޓް ހޯދައިފައެވެ.
ލީގުގެ މެޗުތައް ދެން އޮންނާނީ އަންނަ ހުކުރާއި ހޮނިހިރު ދުވަހުއެވެ.