އެންސިސްގެ ފޮށިތަކެއް ބޭނުންކޮށްގެން މިޔަރު އުރަހަތަކެއް ރާއްޖެއިން ބޭރުކުރަން އުޅުނު ފަރާތްތަކާ ދެކޮޅަށް ދައުވާކުރާނެކަމަށް އެންސިސް ފިޝަރީޒްއިން ބުނެފިއެވެ.
އެންސިސް ފިޝަރީޒްއިން މިކަން ހާމަކޮށްފައި މިވަނީ، އެކުންފުނީގެ ލޭބަލް ޖަހާފައިވާ ފޮށިތަކެއް ބޭނުންކޮށްގެން ޤަވާއިދާއި ޚިލާފަށް ބަޔަކު މިޔަރު އުރަހަތަކެއް ބޭރުކުރަން އުޅުނު މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް ގަނެ، މަސް ޕްރޮސެސްކޮށް، އަދި އެކްސްޕޯޓްކުރާ އެންސިސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ވަސީމް ވިދާޅުވީ، މިއީ އެކުންފުނީގެ ނަމާއި ލޯގޯ ބޭނުންކޮށްގެން ބަޔަކު ހިންގަން އުޅުނު ވަރަށް ބޮޑު ޖަރީމާއެއްކަމަށެވެ. އަދި މިކަންކޮށްފައިވަނީ އެންސިސްއިން އުކާލާފައިވާ ފޮށިތަކެއް ބަޔަކު ނަގައިގެންކަމަށްވެސް ވަސީމް ވިދާޅުވިއެވެ.
ވަސީމް ވިދާޅުވީ މިކަމުގައި ޝާމިލުވާ ފަރާތްތަކަކީ ކޮބައިކަން ކަމާބެހޭ ފަރާތްތަކުން ހާމަކުރެއްވުމުން، އެފަރާތްތަކާއި ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށެވެ.
ރާއްޖެއިން އެކްސްޕޯޓްކުރަން އުޅެނިކޮށް އަތުލައިގަތް މިޔަރު އުރަހަތަކަކަކީ އެންސިސްއާ އެއްވެސް ގުޅުމެއް އޮތް އެއްޗެހިތަކެއް ނޫންކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިންވެސް ވަނީ ވިދާޅުވެފައެވެ.
ކަސްޓަމްސްއިން ވިދާޅުވީ ރާއްޖެއިން އެކްސްޕޯޓް ކުރަން އުޅެނިކޮށް އަތުލައިގަތް މިޔަރު އުރަހަތައް ބަންދުކޮށްފައި ހުރީ ރާއްޖެއިން މަސް އެކްސްޕޯޓްކުރާ ބޮޑު ކުންފުންޏެއްކަމަށްވާ އެންސިސްގެ ފޮށިގަނޑު ތަކެއްގައިކަމަށެވެ. ނަމަވެސް، މިޝިޕްމަންޓް އެކްސްޕޯޓް ކުރަން ކަސްޓަމްސްއަށް ހުށަހަޅާފައިވަނީ އެންސިސްއިން ނޫންކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.
މިޔަރު އުރަހަތަކެއް ރާއްޖެއިން އެކްސްޕޯޓްކުރަން އުޅެނިކޮށް ކަސްޓަމްސްއިން އިއްޔެ އަތުލައިގަނެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 21 ފޮށްޓެއްގައި ބަންދުކޮށްފައިހުރި 429 ކިލޯގެ މިޔަރު އުރަހައެވެ. އަދި އެތަކެތި ރާއްޖެއިން ބޭރުކުރަން މަސައްކަތްކޮށްފައިވަނީ، ލޮނުމަހުގެ ޝިޕްމަންޓެއްގެ ގޮތުގައިކަމަށެވެ.
ކަސްޓަމްސްއިން ވިދާޅުވި މި ތަކެތި އަތުލައިގެންފައިވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ކަސްޓަމްސް ގުޅިގެންކަމަށެވެ. އަދި މިކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭކަންކަން މިހާރު ބަލަމުންދާކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.
މިޔަރުގެ ބާވަތްތައް ހިފުން ރާއްޖޭގައި މުޅިން މަނާކޮށްފައިވަނީ 2010 ވަނަ އަހަރުއެވެ. މިޔަރު ހިފުން މަނާކުރީ އޭގެ ސަބަބުން ފަތުރުވެރިކަމާއި އިޤްޞާދަށް ކުރާ އަސަރު ކުޑަކުރުމަށެވެ.