ކުޅިވަރު

ފަހުވަގުތު ދަ ގްރާންޑޭއިން މާޒިޔާ މޮޅުވިޔަ ނުދީ ހިިފަހައްޓައިފި


ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން ދެ ގޯލުގެ ލީޑެއްގައި އޮއްވައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު ފަހަތުން އަރައި 2-2 އިން މެޗު އެއްވަރުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ މާޒިޔާއިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެޓީމުން މެޗުގައި ލީޑު ނެގީ ލަނޑު 13 ވަނަ މިނެޓުގައެވެ. މި ލަނޑު އެތީމަށް ޖަހައިދިނީ މޫސާ ޔާމީންއެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު އެޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު ލިބުނު ޕެނަލްޓީއަކުން ޖެހީ ސްޓެވާޓްއެވެ.

ދެވަނަހާފްގައި ދަ ގްރާންޑޭއިން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތައް ވަރުގަދަކޮށްފައެވެ. މެޗުގެ 62 ވަނަ މިނެޓުގައި ދަ ގްރާންޑޭގެ ފުރަތަމަ ލަނޑު ޖަހައިދިނީ އަހުމަދު އަޔާޒުއެވެ. ފަހުހާފުގެ ފަހުކޮޅު އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު ކައުންޓަ އެޓޭކުގައި އެޓީމަށް އިތުރު ފުރުސަތުތައް ލިބުނެވެ.

ދަ ގްރާންޑޭ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުގައެވެ. އޭރިޔާ ބޭރުން ލިބުނު ޖެހުމެއްގައި ޔަސްފާދް ހަބީބް (މުލަކޭ) ޖައްސާލި ބޯޅަ ބިދޭސީ ޑިފެންޑަރު ކޮމިލޯވް އަބްދުލްރަސަލް ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މި ނަތީޖާއާ އެކު މާޒިޔާއަށް ވަނީ ލީގުގެ އެއް ވަނައިގައި އެއް ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. މާޒިޔާއަށް ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ވެލެންސިއާއަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ވެލެންސިއާ މިއަދު ހަވީރު ކުޅޭ މެޗުން އީގަލްސް އަތުން މޮޅުވެގެން އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނެގޭނެއެވެ. މެޗުން ލިބުނު ލިބުނު ޕޮއިންޓާ އެކު ދަ ގްރާންޑޭ ވަނީ ހަ ޕޮއިންޓާ އެކު އަލުން ތިން ވަނަ އަށް ޖެހިލާފައެވެ.