ތިލަދުންމަތީގައި
ހިމެނޭ އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ އައިހެވަން މަޝްރޫއުގެ ފީސިބިލިޓީ
ސްޓަޑީގެ މަސައްކަތް ނިމިއްޖެކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު
ވިދާޅުވެއްޖެއެވެ. އައިހެންވަން މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީންގެ އިގްތިސާދީ
ތަސައްވުރުގައި ހިމެނޭ އެންމެ ބޮޑު މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއުއެވެ. މިމަޝްރޫއު
ހިންގުމަށް އިހަވަންދިއްޕޮޅަކީ އެކަށީގެންވާ ތަނެއްތޯ ބެލުމަށް ދުނިޔޭގެ އެންމެ
ބޮޑު އެއް ކޮންސަލްޓަންސީ ފާރމް އެމެރިކާގެ ބޮސްޓަން
ކޮންސަލްޓިން ގްރޫޕް، ބީސީޖީ އިން އިހަވަންދިއްޕޮޅުގައި
ދިރާސާކުރަމުންދާތާ ހަތަރުމަހެއްހާ ދުވަސް މިހާރުވަނީ ވެފައެވެ. އެއަށްފަހު
މިދިރާސާތައް މިދިޔަ ބުދަ ދުވަހު ނިންމައި އެކުންފުނިން ވަނީ ސަރުކާރަށް ރިޕޯޓް
ހުށަހަޅާފައެވެ.
އެފަރާތުން ދިރާސާތައް ކުރިއަށްގެންގޮސްފައިވަނީ ސަރުކާރުން
ހުށަހަޅާފައިވާ މައިގަނޑު ކޮމްޕޯނެންޓްތައް އިހަވަންދިއްޕޮޅުގައި އެންމެ ރަނގަޅަށް
ތަރައްގީކުރެވޭނީ ކޮންގޮތަކަށްތޯ ބެލުމަށެވެ. އެ ގޮތުން، ބޯޓުފަހަރު ބަންނަ
ކުންފުނިތަކާއި ބަންކަރިން އާއި ޑޮކިންގެ ޚިދުމަތް ދޭ ކުންފުނިތަކާ
ވާހަކަދައްކައިގެން ވަރަށް ތަފްސީލީ ދިރާސާތަކެއް ކުރިއަށްގެނގޮސްފައިވެއެވެ.
އެގޮތުން ޓްރާންޝިޕްމަންޓް ބަނަދަރު
ތަރައްގީކުރެވޭނެ ސަރަހައްދުތައް ކަނޑައެޅުމަށް އެސަރަހައްދު ބަލާ ދިރާސާތަކެއް
ސެޕްޓެމްބަރު މަހުގެތެރޭގައި ކޮށްފައިވޭ. އޭގެ ތެރޭގައި އެސަރަހައްދުގައި ކަނޑުގެ
އޮއިވަރާއި ވައި ހުރިގޮތާއި، ފަޅުތައް ބަލާހަދާފައިވެއެވެ.
ރައީސް އަބްދުﷲ
ޔާމީންގެ ތަސައްވުރަކީ އަހަރަކު އެތައް ޓްރިލިޔަން ޑޮލަރެއްގެ މުދާބަރުކޮށްގެން ރާއްޖެ
ކައިރިން ދަތުރުކުރާ އިންޓަރނޭޝަނަލް ޝިޕިންގލައިންގެ މައިމަރުކަޒަކަށް ދިވެހި ރާއްޖެހެދުމެވެ.
ހުޅަނގާއި އިރުމަތީގެ މުދާތައް ބަދަލުކުރެވޭ މަރުކަޒަކަށް ރާއްޖެ ވުމެވެ. ޖޯގްރަފީގޮތުން
އިހަވަންދިއްޕޮޅަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ފަޅު އޮތް ސަރަހައްދެވެ.
އިހަވަންދިއްޕޮޅާއި ދާދިކައިރިން ފަންސާސް ހާސް ޓަނުގެ ބޮޑެތި ބޯޓުފަހަރު ދަތުރު
ކުރޭ. ފަތުރުވެރިކަމަށްް ރާއްޖެ ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް
ސަރުކާރުން ރާވާފައިވާ އެންމެ ބޮޑު މަޝްރޫއު އަކީ ވެސް އައިހެވަން މަޝްރޫއުއެވެ.
އިިކޮނޮމިކް
މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ދރާާސާތައް ކުރިއަށްގެންދިޔަ ބީސީޖީން
ހަތަރު ހަފްތާ ކުރިންފެށިގެން ފަހަރަކު ޗެޕްޓަރެއް ދިވެހި ސަރުކާރާއި
ހިއްސާކޮށްފައިވާކަމަށެވެ. މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ވަރަށް
ބާރަށް ކުރިއަށްދާކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
ސަރުކާރުގެ
އަމާޒަކީ ބޮޑު ޓްރާންސްޝިޕްމަންޓް ބަނދަރެއްގެ އިތުރުން އެއާޕޯޓަކާއި ޔޮޓް މެރީނާ
އަކާއި ކްރޫޒް ހަބަކާއި ޑޮކްޔާޑް އަދި ބަންކަރިން ފެސިލިޓީޒްއާ އެކު އައިހެވަން
ތަރައްގީ ކުރުމެވެ.