މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ހިޔާ ފްލެޓްތައް ލިބުނު މީހުންގެ ދާއިމީ ލިސްޓު ޢިއުލާންކޮށްފިއެވެ. މި ފްލެޓްތަކަކީ ހިޔާ މަޝްރޫޢުގެ ދަށުން އޮފީސްތަކަށް ޚާއްސަކޮށްގެން އަޅާ އިމާރާތްތަކުން އެމްޕީއެލްގެ މުޢައްޒަފުންނަށް ޚާއްސަކުރި ފްލެޓްތަކެވެ.
ހިޔާ މަޝްރޫޢުގެދަށުން އެމްޕީއެލުންދަނީ 15 ބުރީގެ 3 އިމާރާތުގެ މަސައްކަތް ހުޅުމާލެ ދެވަނަ ފިޔަހީގައި ކުރިއަށްގެންދަމުންނެވެ. މުޅި ޕްރޮޖެކްޓްގެ %63 މަސައްކަތް މިހާރުވަނީ މުޅިން ނިމިފައެވެ.
މި މަޝްރޫޢުގެދަށުން އެމްޕީއެލުގެ މުޢައްޒަފުންނަށް 534 ފްލެޓްވަނީ ޚާއްސަކޮށްފައެވެ. މި ފްލެޓްތަކަށް ހޮވުނު މުޢައްޒަފުންގެ ދާއިމީ ލިސްޓާއި، އަދި އެ ފްލެޓްތަކަށް ދައްކަންޖެހޭ އަގުތައް އެމްޕީއެލުންވަނީ އާއްމުކޮށްފައެވެ. ފްލެޓް ލިބުނު މީހުންގެ ލިސްޓް އާއްމުކޮށްފައިވަނީ ކުންފުނީގެ ތެރޭގައެވެ.
އެމްޕީއެލްއެލްއިން ތަރައްޤީކުރަނީ އެއް ކޮޓަރިއާއި 3 ކޮޓަރީގެ ފްލެޓްއެވެ.
ފްލެޓްތަކުގެ ތެރޭގައި ހިމެނޭ 454 އަކަފޫޓުގެ ފްލެޓަށް ދައްކަންޖެހެނީ 800،000 ރުފިޔާއެވެ. 471 އަކަފޫޓުގެ ފްލެޓަށް ދައްކަން ޖެހެނީ 828،132 ރުފިޔާ އެވެ. މީގެ އިތުރުން 670 އަކަފޫޓުގެ ފްލެޓަށް 1،500،000ރުފިޔާ އަދި 686 އަކަފޫޓުގެ ފްލެޓަށް 1،535،821 ރުފިޔާއެވެ.
ދާއިމީ ލިސްޓުގައި ހިމެނޭ މުވައްޒަފުންނަށް ފްލެޓަށް ފައިސާ ދެއްކުމުގައި ތިން ގޮތެއް އެ ކުންފުނިންވަނީ ހަމަޖައްސާފައެވެ.
އެގޮތުން އެއްބަސްވުމުގައި ސޮއިކުރާތާ 3 މަތެރޭގައި، އެކީ އެއްފަހަރާ (ގަނޑުކޮށް) ފައިސާ ދައްކާ ފަރާތްތަކަށް، ފްލެޓްގެ އަގުން %7ގެ ޑިސްކައުންޓެއް ދިނުމަށްވަނީ ހަމަޖައްސާފައެވެ. އެއް އަހަރަށް ބަހާލައިގެން ފައިސާ ދައްކާ މީހުންނަށް %20 ޑައުންޕޭމަންޓް ދެއްކުމަށްފަހު، ބާކީ ބައި މުޅި އަހަރަށް ބަހާލައިގެން ދެއްކޭނެއެވެ.
މީގެއިތުރަށް ބޭންކް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓެއް މެދުވެރިކޮށް، ބަހާލައިގެން ފައިސާ ދައްކަން ބޭނުންވާ މީހުންނަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެމްޕީއެލްއިން މަޢުލޫމާތުދެއެވެ.
އެމްޕީއެލް ހިޔާ ފްލެޓަށް ހޮވުނު މީހުންގެ ވަގުތީ ލިސްޓެއް ފުރަތަމަ އިޢުލާނުކުރީ 2018ވަނަ އަހަރުގެ ފަހުކޮޅުއެވެ. ނަމަވެސް ސަރުކާރު ބަދަލުވެ އަލަށް ހަވާލުވި މެނޭޖްމަންޓުންވަނީ ޕޮއިންޓް ދޭނެ ހަރުދަނާ އުސޫލެއް ކަނޑައަޅައި، ހަމަހަމަ އުސޫލެއްގެދަށުން ފްލެޓްތައް ދިނުމަށްޓަކައި ފުރަތަމަ ނެރުނު ވަގުތީ ލިސްޓް ކެންސަލްކޮށް، 2019ވަނަ އަހަރު އަލުން ފޯމު ހުށައެޅުމަށް ހުޅުވާލާފައެވެ. ދާއިމީ ލިސްޓް އިޢުލާންކުރީ ފަހު ބުރުގައި ނެރުނު ވަގުތީ ލިސްޓަށް ލިބުނު ޝަކުވާތަކަށް ރިއާޔަތްކުރުމަށް ފަހުގައެވެ.