ކޯވިޑް-19 ބަލި ޖެހި ރަނގަޅުވުމަށްފަހު، ވަރުބަލިވެ ނޭވާލާން އުނދަގޫވާނަމަ ގޭގައި ކަސްރަތުކުރުން މުހިއްމުކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ އައި.ޖީ.އެމް.އެޗްގެ އެތެރެހަށީގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރ، ޑރ. މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 ޖެހި ރަނގަޅުވުމަށްފަހު، ފަރުވާ ބަހައްޓަންވީ ކަންތައްތަކާގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ، ބަލިން ރަނގަޅުވާ ބައެއް މީހުންނަށް ނޭވާލާން އުނދަގޫވުމާއި، ހާސްވެ ކަންބޮޑުވުމާއި، ވަރުބަލިވުންފަދަ ކަންކަން ދިމާވާ ކަމަށެވެ. ނަމަވެސް މިއީ މަޑުމަޑުން ރަނގަޅުވާނެ ކަންތައްތަކެއްކަމަށާއި، އެފަދަ ކަމެއް ކުރިމަތިވާނަމަ ގޭގައިވެސް މުހިއްމު ކަންތައްތަކެއް ކުރެވިދާނެކަމަށް ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ.
އެގޮތުން ނޭވާލާން އުނދަގޫވާނަމަ، ބްރީތިންގ އެކްސަޒައިޒެއް ހެދުމާއި، ލުއިކޮށް ކުރެވެން ހުންނަ ކަސްރަތުތައް ގޭގައި ކޮށްލެވިދާނެކަމަށް ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ. އަދި ކޯވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހު ދޫކޮށްލާ ފަރާތްތަކުން 4 ހަފްތާއާއި 6 ހަފްތާ އާ ދެމެދުގެ މުއްދަތަކަށް ގެއިން ބޭރަށް ކަސްރަތުކުރުމަށް ނުނިކުތުމެ މަޑުކުރުމަށް ވެސް ޑރ. މުޙައްމަދު ޢަލީ ވަނީ އިރުޝާދު ދެއްވާފައެވެ.
"ހަމަޖެހިލައިގެން ތަނެއްގައި އިށީންދެލައިގެން އިނދެގެން ފުންކޮށް ނޭވާ އެތެރެއަށްލުމަށްފަހުގައި އަދި ހަށިފުރާ ނޭވާލުމަށްފަހުގައި އަނގައިން އެ ނޭވާ ބޭރުކޮށްލުން. މިގޮތަށް 10 ވަރަކަށްފަހަރު ދުވާލަކު ދެތިން ފަހަރު ކުރެވިދާނެ. އަދި ސްޓްރެޗްކުރުން ކަހަލަ ކަންތައްތައްވެސް ގޭތެރޭގައި ކުރެވިދާނެ. ނަމަވެސް ކޯވިޑް-19ގައި ބޮޑުވަރުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހު ދޫކޮށްލާ ފަރާތްތަކުން 4 ހަފްތާ ނުވަތަ 6 ހަފްތާ ވަންދެން ބޭރަށް ހިނގަން ނުދިއުން، ނުވަތަ ކަސްރަތުކުރަން ހިނގަން ނުދިއުން. އެފަދަ ފަރާތްތަކަށް ގޭތެރޭގައި މިބުނާ ކަންތައްތައް ކޮށްލެވިދާނެ" ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ.
ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިހާރު 297 ދުވަސްވެފައިވާއިރު، މިހާތަނަށް 13،691 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން %95.74 އިންސައްތަ މީހުން ބަލިން ރަނގަޅުވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ ގޮތުގައި 527 މީހުން މިވަގުތުވެސް އަންނަނީ މި ބައްޔަށްފަރުވާ ހޯދަމުންނެވެ.