ސިވިލް ސާރވިސްގެ
ވަޒީފާއަށް ވަންނަ ފަރާތްތަކަށް އިމްތިހާނެއް ހެދުމުން އިތުރު ޕޮއިންޓް ލިބޭގޮތަށް
ހަމަޖައްސާ މިގޮތަށް ބާއްވާ ފުރަތަމަ އިމްތިހާނު މިއަހަރު ޑިސެމްބަރުގައި
ބާއްވާގޮތަށް ސިވިލް ސާރވިސް ކޮމިޝަނުން ހަމަޖައްސައިފިއެވެ. މިއަދު ސިވިލް
ސާރވިސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މިއިމްތިހާނު ބޭއްވުމަށް
ކުރަންޖެހޭ ކަންކަންކުރުމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނާއި، ސިވިލް
ސާވިސްކޮމިޝަނާއެކު ފަހުމްނާމާއެއްގައި ސޮއިކޮށްފައެވެ.
މިއިމްތިހާނު ހެދުމަކީ
ސިވިލް ސާރވިސްގެ ވަޒީފާއަށް ވަންނަ ފަރާތްތަކަށް އަދި މަޖްބޫރު ކަމެއް ނޫންނަމަވެސް
ކުރިޔަށް އޮތްތަނުގައި މިއިމްތިހާނު ހަދައިގެން ނޫނީ ސިވިލް ސާރވިސްގެ ވަޒީފާއަށް
ނުވަދެވޭގޮތަށް ހަމަޖައްސާނެކަމަށް އެކޮމިޝަނުން މައުލޫމާތުދެއެވެ.މިރަސްމިއްޔާތުގައި
ވާހަކަދައްކަވަމުން ސިވިލް ސާރވިސް ކޮމިޝަނުގެ ރައީސް ޑރ އަލީ ޝަމީމު ވިދާޅުވީ
ސިވިލް ސާރވިސްއަށް ވަންނަ ފަރާތްތަކަށް ދޭ މިއިމްތިހާނަކީ ސިވިލް ސާރވިސްގެ
ވަޒީފާއަކަށް ވަންނައިރު އެމީހުންނަކީ މަސައްކަތުގެ ދާއިރާގައި ކުރަންޖެހޭ
މަސައްކަތްތަކަށް އަހުލުވެރި އަދި މަސައްކަތުގެ އަޚްލާގު ހުރި ޤާބިލު ބައެއްކަން ޔަޤީންކުރުމުގެ ގޮތުން ދެވޭ އިމްތިހާނެއްކަމަށެވެ.
މިއަދު ވެވުނު
ފަހުމްނާމާގެ ދަށުން ސިވިލް ސާރވިސްއަށް ވަންނަ ފަރާތްތަކަށް ދޭ އިމްތިހާނު ޑިޕާޓްމެންޓް
އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ރާއްޖޭގައި އިމްތިހާނު ބާއްވާ ކޮންމެ
ސެންޓަރެއްގައި ހެދޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ސިވިލް
ސާރވިސް ކޮމިޝަނުންބުނެއެވެ. އަދި މިގޮތަށް ބާއްވާ އިމްތިހާނުތައް އަހަރަކު ދެފަހަރު
ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށާއި، މިއިމްތިހާނުތައް ކުރިޔަށް ގެންދިއުމަށް
ރޭވިފައިވަނީ ޕަބްލިކް އެގްޒަމިނޭޝަނުން
ސްކޫލްތަކުގައި ބާއްވާ އިމްތިހާނުތަކާ އެއްދުވަސްވަރެއްގައި އެސެންޓަރުތަކުގައިކަމަށްވެސް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.
ކުރިޔަށްއޮތްތަނުގައި މި އިމްތިހާނަކީ މަޖްބޫރު އިމްތިހާނަކަށް ވީނަމަވެސް ސިވިލް
ސާރވިސްގެ ވަޒީފާގައި މިހާރު ތިބި ފަރާތްތަކުން އެހެން ވަޒީފާއަކަށް ބަދަލުވާ
ހާލަތެއްގައި މެނުވީ މިހާރު ވަޒީފާގައި ތިބި ފަރާތްތަކަށް މި އިމްތިހާނު ހަދަން
ނުޖެހޭނެކަމަށްވެސް ސިވިލް ސާރވިސް ކޮމިޝަނުން ބުނެއެވެ.