ނ.އަތޮޅު ތައުލީމީ މަރުކަޒުގެ
ވޭތުވެ ދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ނ.ވެލިދޫ ދިލްކަޝް
އަހުމަދު ޔަމީން ހޮވިއްޖެއެވެ.
ފާއިތުވި އަހަރު ނ.އަތޮޅު
ތައުލީމީ މަރުކަޒުގެ ގްރޭޑް 10 ގައި ތައުލީމު ހާސިލްކުރި ޔަމީން އަށް އިނާމާއި
ޓްރޮފީ ހަވާލުކޮށްދެއްވީ ރޭ އެސްކޫލުގައި އޮތް 2014 ވަނަ އަހަރުގެ އަހަރީ އިނާމް
ދިނުމުގެ ޖަލްސާގައި އެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަދި ސަން ފައުންޑޭޝަންގެ ބާނީ
އަހުމަދު ސިޔާމް މުހައްމަދުއެވެ.
އަހުމަދު ޔަމީން ވަނީ މިދިޔަ
އަހަރުގެ އޯލެވެލް އިމްތިހާނުގެ 5 މާއްދާއިން ޑިސްޓިންކްޝަން ހޯދައި ، ނެޝަނަލް
ޓޮޕް ޓެން ގެ 2 ވަނައިގަ ހިމެނިފައެވެ. އަދި އެ ސްކޫލުގެ "ސްކޫލް
ޓޮޕްޓެން" ގެ އެއް ވަނަ ވެސް ޔަމީން ވަނީ ހޯދާފައިވެއެވެ.
މި ރަސްމިއްޔާތުގައި ބެސްޓް
އޯލް އަރައުންޑްގެ އިތުރުން، ކްލާސް ޕްރައިޒް، ކްލާސް ޕްރޮގްރެސް ޕްރައިޒް،
ޖެނެރަލް ޕްރޮފެސަންސީ، ސަބްޖެކްޓް ޕްރައިޒް އަދި ޑިސިޕްލިނަރީ އެވޯޑު ލިބުނު
ދަރިވަރުންނަށް އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ހަވާލުކޮށްފައިވެއެވެ.
ނިމުނު އަހަރުގެ އެސްކޫލުގެ
ހުރިހާގޮތަކުން އެންމެ މޮޅު ހައުސް އަކަށް ހޮވުނީ ޝަހީދު އަލީ ހައުސްއެވެ. އެ ހައުސް
ވަނީ އެކަޑަމިކް ގޮތުންނާއި ސްޕޯޓްސް އެންޑް އެކްޓިވިޓީގެ ބައިންވެސް 1 ވަނަ
ހޯދާފައެވެ.
މި ޖަލްސާގައި ޝަރަފްވެރި
މެހްމާން ސަން ފައުންޑޭޝަންގެ ބާނީ އޮނަރަބަލް އަހުމަދު ޞިޔާމް މުހައްމަދުގެ ވާހަކަފުޅުގައި ދަރިން ހެޔޮ ގޮތުގައި
ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރުގެ މައްޗަށް
އަލިއަޅުއްވާލައްވާ ވާހަކަފުޅުދެއްކެވިއެވެ. އަދި އެ
ސްކޫލުގައި މިހާރު ފަށާފައިވާ ކްލާސްރޫމުތައް ޑިޖިޓަލް ކުރުމުގެ ޕްރޮޖެކްޓުގެ
ދަށުން މިއަންނަ އަހަރު އެމަނިކުފާނުގެ އަމިއްލަ ހަރަދުގައި އެސްކޫލުގެ 6 ކްލާސް
ރޫމެއްގައި އިންޓަރެކްޓިވް ވައިޓްބޯޑު ހަރުކޮށްދެއްވާނޭ ކަމަށްވެސް ޞިޔާމް ވިދާޅުވިއެވެ.
އަދި އެ ސްކޫލުގައި މިހާރު
ދަސްވާރު ޕްރޮގްރާމް ފުރިހަމަ ކުރަމުންގެންދާ ކުދިންނަށް މިއަންނަ އަހަރުން
ފެށިގެން އަމަލީ ތަޖުރިބާ ހޯދުމަށް އެއަތޮޅުގައި އޮންނަ ސަން ސިޔާމް އިރުފުއްޓަށް
ދަތުރުކުރުމަށް ޓަކައި އެކަމަށް ހާއްސަ ފެރީ އެއް ހަމަޖައްސަވައިދެއްވާނޭ
ކަމަށްވެސް ވިދާޅުވިއެވެ.
މި ޖަލްސާގައި ކެނދިކުޅުދޫ
ދާއިރާގެ މެމްބަރު އަލީ މައުރޫފް އާއި ނ.އަތޮޅު ކައުންސިލްގެ ރައީސް
އަދި އެ ކައުންސިލްގެ މެމްބަރުންގެ އިތުރުން ސަރުކާރުގެމުއައްސަސާތަކުގެ ގިނަ
ވެރިން ބައިވެރިވެފައިވެއެވެ.