މިއަދު ރާއްޖޭގެ ފަތުރުވެރިކަމަކީ މުޅި ދުނިޔެއަށްވެސް މިސާލެކެވެ. ކުރިން ރާއްޖޭގައި ފަތުރުވެރިކަމަކީ ކުރިއެރުވިދާނެ ސިނާއަތެއްތޯވެސް ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. ނަމަވެސް މިއަދު ރާއްޖެއަކީ އެންމެ ގިނަ މީހުން އަންނަން ބޭނުންވާ އެއް މަންޒިލްއަށް ވަނީ ވެފައެވެ.
ކޯވިޑް19ގެ ސަބަބުން ދުނިޔޭގައި ފަތުރުވެރިންގެ މެދުގައި މަޤްބޫލު ގިނަ މަންޒިލްތަކެއް ބަންދުކުރިއެވެ. ރާއްޖޭގެ ފަތުރުވެރިކަންވެސް ކުޑަ ދުވަސްކޮޅަކަށް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު ރާއްޖެއިން އަލުން ވަނީ ފަތުރުވެރިކަން ހުޅުވާލާފައެވެ. މުޅި ދުނިޔޭންވެސް ފަތުރުވެރިކަމަށް ހުޅުވާލި މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. އަދި ރާއްޖެ އުފެދިފައިވާގޮތުން، ރާއްޖެއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ބަޔަކު ބޯޑަރު ހުޅުވާލުމާއިއެކު އަންނަނީ ރާއްޖެ ޒިޔާރަތްކުރަމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގައި އަބަދުވެސް އެންމެ ކުރީގައި އުޅޭނީ ވަކި މާކެޓްތަކެކެވެ. ނަމަވެސް ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު ބައެއް އައު މާކެޓްތަކުން އަންނަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ކުރީސަފަށް ޖެހިލަމުންނެވެ.
ކަޒަކިސްތާން، ޔޫކްރެއިން އަދި ސްޕެއިން ފަދަ ޤައުމުތަކަކީ މީގެކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ ގަދަ 10 މާކެޓްތަކުގެ ތެރޭގައި ނުހިމެނޭ ޤައުމުތަކެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލުމާއެކު މި ޤައުމުތަކުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އައިސް އެންމެ ގަދަ މާކެޓްތަކުގެ ތެރޭގައި ވަނީ ހިމެނިފައެވެ.
މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައިމަހުގެ 15 ވަނަ ދުވަހުން އިއްޔެގެ ނިޔަލަށް ޔޫކްރެއިން ހިމެނިފައި ވަނީ ރާއްޖެއަށް 8 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ. އެ ޤައުމުން ރާއްޖެއަށް 5038 ފަތުރުވެރިން ވަނީ އައިސްފައެވެ. 3045 ފަތުރުވެރިންނާއިއެކު 9 ވަނައިގައި ހިމެނިފައިވަނީ ސްޕެއިންއެވެ. އަދި 2972 ފަތުރުވެރިންނާއިއެކު 10 ވަނައިގައި އުޅެނީ ކަޒަކިސްތާންއެވެ.
ބޯޑަރު ހުޅުވާލުމާއިއެކު ގަދަ 10 ގައި ހިމެނޭ ޤައުމުތަކާއި އެޤައުމުތަކުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު:
ރާއްޖޭގެ ފަތުރުވެރިކަމުގައި ކުރިން އެންމެ ކުރީގައި އުޅޭ ޗައިނާ މާކެޓު ބޯޑަރު ހުޅުވާލިފަހުން އަދި މާބޮޑު ކުރިއެރުމެއް އައިސްފައެއްނުވެއެވެ. މޯލްޑިވްސް އިމިޤްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 1 ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެ އައިސްފައިވަނީ 72 ފަތުރުވެރިންނެވެ.
ޔޫކްރެއިން ފަދަ މާކެޓްތަކުން ރާއްޖޭގެ ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނައިރު އެ ޤައުމުތަކުން ރާއްޖެއަށް އަންނަ އެއަރލައިންތައްވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ ވަނީ ޔޫކްރެއިން އިންޓަރނޭޝަނަލް އެއަރލައިންސްގެ ޙާއްސަ ދަތުރުތަކެއްވެސް ރާއްޖެއަށް ފަށާފައެވެ. މީގެއިތުރުން އަޒުރު އެއަރ ޔޫކްރެއިންގެ ދަތުރުތައްވެސް މިހާރު ވަނީ ރާއްޖެއަށް ފަށާފައެވެ.
#Maldives tourism is bouncing back! Nov arrivals from some markets broke 2019 Nov records.#Egypt +40% #Kazakhstan +24.4%#Russia +5% #Brazil +2.9% #Ukraine +0.9%
— Abdulla Mausoom (@Mausoom_Maus) December 4, 2020
We expect to reach target of 100,000 tourists by 16 Dec and annual arrival target of 500,000 by 25 Dec. Thankyou!
އައު މާކެޓްތަކުން ރާއްޖޭގެ ފަތުރުވެރިކަމުގައި ކުރިއެރުން ހޯދަމުންދާކަން ފާހަގަކުރައްވައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވަނީ މިދިޔައަހަރުގެ ނޮވެމްބަރުމަހާއި އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރުމަހު ބައެއް މާކެޓްތަކުން ކުރިއެރުން ހޯދާފައިވާކަމަށެވެ. އެގޮތުން ކުރިއެރުން ހޯދާފައިވާ މާކެޓްތަކުގެ ތެރޭގައި އިޖިޕްޓް، ކަޒަކިސްތާން، ރަޝިއާ، ބްރެޒިލް އަދި ޔޫކްރެއިން ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މުޅި ދުނިޔެއަށް ދިމާވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ މިފަދަ ދަނޑިވަޅެއްގައިވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ސަރުކާރާއި މި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މިއަހަރު މިހާތަނަށް ރާއްޖެއަށް ވަނީ އަންދާޒާކުރި ވަަރަށްވުރެ އިތުރަށް ފަތުވެރިން ޒިޔާރަތްކޮށްފައެވެ.