ދުނިޔެ

ވައިރަހުގެ އައު ތިން ވައްތަރު، މިހާތަނަށް އެނގޭ ވާހަކަތައް


ފާއިތުވި ހަފުތާތަކުގައި ކޯވިޑް-19ގެ އައު ތިން ވައްތަރެއްވަނީ ދުނިޔޭގެ ތިން ޤައުމަކުން ފެނިފައެވެ. ބަދަލު އައިސްފައިވާ އެ ވައިރަހުގެ އެއް ވައްތަރަކީ ކުރިން ފެތުރެމުންދިޔަ ވައްތަރަށްވުރެ ބަލި ޖެއްސުމުގެ ބާރު 70 އިންސައްތަ ވަރުގަދަ ބާވަތެއްކަމަށް ސައިންސްވެރިން ހާމަކުރުމުން މުޅި ދުނިޔެވަނީ ހާސްވުމާއި ކަންބޮޑުވުމުގެ ތެރޭގައެވެ.

ކޮންމެ ވައިރަހަކީވެސް އަބަދުހެން ބަދަލުތައް އައިސް އޭގެ ސިފަތައް ތަރައްޤީވަމުންދާ އެއްޗެކެވެ. އެފަދަ ބަދަލުތައް އަންނަނީ ގައިންގަޔަށް ވައިރަސް ވާރުތަވުމުގެ ތެރޭގައެވެ. އެހެންކަމުން ކޯވިޑް ޖައްސާ ވައިރަހަށް ބަދަލުތަކެއް އައިސް ފެތުރުމަކީ އެކަމާއިމެދު ސައިންސްވެރިން ހައިރާންވާކަމެއް ނޫނެވެ.

ބަދަލު އައިސްފައިވާ ބާވަތްތައް ފެންނާނީ ކޮން ސަރަޙައްދުތަކަކުންކަން ދެނެގަތުމަށް އުނދަގޫތަކެއް ހުރި ނަމަވެސް، މިހާތަނަށް ފެނިފައިވާ އެއްވެސް ބާވަތަކީ އޭގެ ސަބަބުން ބަލިޖެހޭ މީހުންގެ ޙާލު އިތުރަށް ގޯސްވުމަށް މެދުވެރިވާ ފަދަ ބަދަލުތަކެއް އައިސްފައިވާ ވައިރަސްތަކެއް ނޫނެވެ. އަދި ވައިރަހާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިނަށް ނުވަތަ މިހާރު ދެމުން އަންނަ ފަރުވާތަކަށް ނުގުޑާ އެއްޗެއް ނޫނެވެ.

ބަދަލު އައިސްފައިވާ ފުރަތަމަ ވައިރަސް ފެނިފައިވަނީ އިނގިރޭސިވިލާތުންނެވެ. ވީޔޫއީގެ ނަމުން ނަން ދީފައިވާ އެ ބާވަތް ފުރަތަމަ ފެތުރެން ފެށީ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި އެ ޤައުމުގެ ވެރިރަށް ލަންޑަނުގައި ނުވަތަ ކެންޓު ކައުންޓީގައިކަމަށް ބެލެވެއެވެ. ވައިރަހުގެ އެ ބާވަތަކީ މުޅި އިނގިރޭސިވިލާތުގައިވެސް މިހާރު އެންމެ ހަލުވިކޮށް ފެތުރެމުންދާ ބާވަތެވެ.

މި ބާވަތުގެ ވައިރަހުން މީހުންގެ ފުރާނައަށް ނުރައްކާވަރު ބޮޑުނޫންކަމަށް މިހާތަނަށް ބެލި ބެލުމުން ދެއްކިނަމަވެސް ވައިރަސް ފެތުރޭ މިންވަރު ހަލުވިވެފައި ބާރެވެ. އެެހެންކަމުން ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްގެ ގޮތުން ގިނަ ޤައުމުތަކުން ވަނީ އިނގިރޭސިވިލާތަށް ކުރާ ދަތުރުތައް މެދުކަނޑާލާފައެވެ.

އައު ވައިރަހުންވެސް ހަށިގަނޑުން ފެންނަަނީ ހަމަ ކުރީގެ ބާވަތުންވެސް ފެނުނު އަލާމާތްތަކެވެ. ގަދަ ހުމާއި، ހިކި ކެއްސުމެވެ. އަދި ވަސްދުވުމާއި ރަހަލުމުގެ ހިއްސަށް މި ވައިރަހުންވެސް އަސަރުކުރެއެވެ.

އިނގިރޭސިވިލާތުން އުފަންވި ވައިރަހުގެ މިބާވަތް މިހާރުވަނީ ވިލާތު ބައެއް ޤައުމުތަކަށްވެސް ފޯރާފައެވެ. އިޓަލީ، ޑެންމާކުގެ އިތުރުން ނެދަލޭންޑުންވެސް ވަނީ ވައިރަހުގެ އައު ވައްތަރު ފެނިފައެވެ. އެއަށްވުރެ ދުރަށް ބަލާލާއިރު އޮސްޓްރޭލިއާ، ސިންގަޕޫރުންވެސް މިވައިރަސް ވަނީ ފެނިފައެވެ. މިއާއި އެކު އިނގިރޭސިވިލާތު މަގުން ދަތުރުކުރާ އެންމެންގެ ކޯވިޑް ޓެސްޓްތައް ހެދުމަށް ބައެއް ޤައުމުތަކުން ވަނީ ނިންމާފައެވެ.

ދެކުނު އެފުރިކާގައިވެސްދަނީ ވައިރަހުގެ އައު ވައްތަރެއް ފެތުރެމުންނެވެ. ދެކުނު އެފުރިކާގައި ފެތުރޭ ވައިރަހަށް އިނގިރޭސިވިލާތުގައި ފެތުރޭ ވައިރަހަށްވުރެ ބޮޑެތި ބަދަލުތައް އައިސްފައިވާކަމަށް އެ ޤައުމުން ބުނެއެވެ. ދެކުނު އެފުރިކާގައި ފެތުރޭ ވައިރަހުގެ ބާވަތް މިހާރުވަނީ އިނގިރޭސިވިލާތް ހިމެނޭގޮތަށް ބައެއް ޤައުމުތަކުންވެސް ފެނިފައެވެ.

ދެކުނު އެފުރިކާގައި ފެތުރޭ ވައިރަސް އިނގިރޭސިވިލާތުން ފެނުނު ވައިރަހަށްވުރެ މާ ބާރުގަދަވެފައި ފެތުރޭ މިންވަރުވެސް މާ ބޮޑުތަނުން އިތުރެވެ. މިދިޔަ ހަފްތާއެއްހައި ދުވަހުގެ ތެރޭގައި އެ ޤައުމުގައި ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާ ސަބަބަކީ އެއީކަމަށްވެސް ބެލެވެއެވެ. ނަމަވެސް އެކަން ޔަޤީންކުރުމަށް އަދި އިތުރު ވަގުތު ބޭނުންވެއެވެ. ވައިރަހުގެ މި ބާވަތުންވެސް ބަލިޖެހޭ މީހުންހެ ޙާލު އިތުރަށް ގޯސްވާކަމެއް މިހާތަނަށް ސާފެއް ނުވެއެވެ. ދެކުނު އެފުރިކާގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު އެއް މިލިއަނާއި ގާތްވަމުންދާ މި ދަނޑިވަޅުގައި އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައްވަނީ އިތުރަށް ހަރުކަށިކޮށްފައެވެ.

ވައިރަހުގެ އައު ވައްތަރެއް ދެން ފެނިފައިވަނީ ނައިޖީރިއާއިންނެވެ. އެ ޤައުމުގައި ފެތުރޭ ބާވަތަކީވެސް އިނގިރޭސިވިލާތާއި ދެކުނު އެފުރިކާގައި ފެތުރެމުންދާ ދެ ބާވަތާއި ގުޅުމެއް ހުރި ވައްތަރެއް ނޫނެވެ. އެ ބާވަތް ފެތުރޭ މިންވަރު އިތުރުކަމަކަށް މިހާތަނަށް ފާހަގަވެފައެއް ނުވެއެވެ. ނައިޖީރިޔާގައި ބަލިފެތުރޭ މިންވަރު އިތުރުވެފައިވަނީ ވައިރަހުގެ އައު ވައްތަރުގެ ސަބަބުންކަމަށް ކަނޑައަޅާވަރަށް ހެކި ލިބިފައިނުވާކަމަށް ސައިންސްވެރިން ބުނެއެވެ. ބަދަލު އައިސްފައިވާ ވައިރަހުގެ ސަބަބުން ބަލިޖެހިފައިވާ މީހުން ދެނެގަތުމަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެއެވެ.