އިޓަލީގެ އެސީ މިލާންގެ މިހާރުގެ ޓީމާމެދު ފަހުރުވެރިވާކަމަށް އެޓީމުގެ ކޯޗު ސްޓެފަނޯ ޕިއޯލީ ބުނެފިއެވެ.
ޕިއޯލީ ބުނީ މިލާންގެ ކުޅުންތެރިންގެ ފަރާތުން ފެންނަމުން ދަނީ ގަބޫލްކުރަން ދަތި ހިއްވަރެއްކަމަށާއި ހުރިހާ ކުޅުންތެރިންގެ މަސައްކަތާމެދު އޭނާ އުފާވާކަމަށެވެ. އޭނާ ބުނީ އަބަދުވެސް މިލާން މަސައްކަތް ކުރަނީ މެޗުތަކުން މޮޅުވާން ކަމަށާއި އެކަން އޭނާގެ ޓީމުން ހާސިލް ކުރަމުންދާތީ ބޮޑު ހިތްހަމަޖެހުމެއް ލިބިފަވާކަމަށެވެ.
މިވަގުތު އަނިޔާގައި ހުރި ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ސްވިޑެންގެ ޒްލަޓަން އިބްރަހަމޮވިޗް ނެތްތަން ދައްކާކަމަށާއި އޭނާގެ ތަޖުރިބާއާއި ހުނަރުގެ ސަބަބުން މިހާތަނަށް ޓީމަށް ބޮޑު ފައިދާއެއް ކޮށްފައިވާކަމަށް ޕިއޯލީ ބުންޏެވެ. މިލާނުން މި ސީޒަނުގައި ޓީމު ހިފެހެއްޓެނީ މެޗްތަކުން ޓީމު ދައްކަމުންދާ ވަރުގަދަ ކުޅުމުގެ ސަބަބުން ކަމަށް ޕިއޯލީ ބުންޏެވެ.
މިއަހަރު ތެރޭގެ ކުލަބުން ހޯދަމުންދާ ކާމިޔާބުތަކުގެ ސިއްރަކީ ކުލަބުން ރަނގަޅަށް ތައްޔާރުވުމާއި ދުރާލާ ކަންކަން ރޭވުންކަމަށް ޕިއޯލީ ވަނީ ފާހަގަކޮށްފައެވެ. ކުލަބުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެވަގުތަކު ކުރެވެން އޮތް އެންމެ ރަނގަޅަކަށް ޓީމު ބައްޓަން ކުރަންކަމަށާއި އެގޮތުން ޒުވާން ކުޅުންތެރިންގެ ރަނގަޅު ސްކޮޑަކާއެކު ރަނގަޅު ޓީމެއް މިހާރު ބައްޓަން ކުރެވިފަވާކަމަށް ޕިއޯލީ ވަނީ ބުނެފައެވެ.
ހުސްވި ސީޒަންގައި މިލާންގެ ކޯޗުގެ މަގާމާ ހަވާލުވި ޕިއޯލީ ބުނީ މިއަހަރަކޭ އެއްގޮތައް އަންނަ އަހަރުވެސް މިލާނުން ކުރިމަތިލާނީ ކާމިޔާބުހޯދަންކަމަށެވެ. ކާމިޔާބީއަކީ އަބަދު ހޯދޭނެ އެއްޗެއް ނޫންކަމަށާއި ކާމިޔާބީ ފަސޭހައިން ހޯދެން އޮތް ވަގުތުގައި އެކަމަށް މަސައްކަތް ކުރަން ޖެހޭކަމަށް ޕިއޯލީ ބުންޏެވެ. އޭނާ ބުނީ ޓީމުން މިއަހަރު ކަނޑައެޅި އަމާޒަށް ވާސިލްވެއްޖެކަމަށާއި ލީގުގެ އެއްވަނައިގެ އޮތުމަކީ ބޮޑު ޕްރެޝަރެއް ކަމަށާއި ލީގަށް ވާދަކުރާކަމަށް ވާނަމަ އެއްފެންވަރެއްގައި ކުޅުން ހިފަހައްޓަންޖެހޭ ކަމަށެވެ.
ޔޫރަޕުގެ ގަދަ ފަސްލީގުގެ ތެރެއިން މިހާތަނަށް ބަލިނުވެ އޮތް ޓީމަކީ މިލާންއެވެ. މިލާން މިވަގުތު އޮތީ އިޓާލިއަން ސެރިއާގެ ތާވަލުގެ އެއްވަނައިގައި 34 ޕޮއިންޓާއެކުއެވެ.