ކޯވިޑް-19

ރާއްޖޭގައި މިހާތަނަށް ފެތުރެމުންދަނީ ކޯވިޑް-19ގެ އެއް ބާވަތެއް - ޑރ.ނަޒްލާ


ރާއްޖެއިން ކޯވިޑް-19ގެ އިތުރު ވޭރިއެންޓެއް ނުވަތަ ބާވަތެއް މިހާތަނަށް ފެނިފައިނުވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ)ގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.

އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވަނީ ކޯވިޑް-19 ޖައްސާ ވައިރަހަށް ބަދަލުތަކެއް އައިސް ދުނިޔޭގެ ބައެއް ޤައުމުތަކުގައި ފެތުރެމުންދާތީ އެކަމާގުޅޭ ބައެއް މަޢުލޫމާތުތައް ޙިއްސާކުރައްވާފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޯވިޑް-19ގެ އައު ބާވަތެއް އިނގިރޭސިވިލާތުން ފެނިފައިވާކަން މިދިޔަ ހަފްތާގެ ތެރޭގައި އެ ޤައުމުން ހާމަކޮށްފައިވާކަމަށެވެ. މިދިޔަ ސެޕްޓެމްބަރުމަހުން ފެށިގެން އެ ޤައުމުގެ ދެކުނު އިރުމަތީ ސަރަޙައްދުގައި އެ ބާވަތް ވަރަށްބޮޑަށް ފެތުރި، ޑިސެމްބަރުމަހާ ހަމައަށް އައިރިއު އެ ބާވަތުގެ ސަބަބުން ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް އޭރު ފެތުރިގެންދިޔައީ ކޯވިޑް-19ގެ އިތުރު ސްޓްރެއިނެއް ނުވަތަ އައު ބާވަތެއް ނޫންކަމަށާ ސްޓްރެއިނަކަށްވާނީ ވައިރަހަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައުމުންކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

އިނގިރޭސިވިލާތުން ފެނިފައިވާ ކޯވިޑް-19ގެ އައު ބާވަތާ ގުޅޭގޮތުން މިހާތަނަށް ކޮށްފައިވާ ދިރާސާތަކުން އެއިން ބަލި އިތުރަށް ސީރިއަސްވެގެންދާކަން ފާހަގަކުރެވިފައިނުވާކަމަށް ޑރ.ނަޒްލާ ވިދާޅުވެފައިވެއެވެ. އަދި މި ބާވަތުގެ ތަފާތުކަމަކީ އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ބަލި ފެތުރޭ މިންވަރު އަވަސްވުމާއި ގިނަ މީހުންނަށް ބަލި ޖެހުމުގެ ފުރުޞަތު ބޮޑުވުންކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. އިނގިރޭސިވިލާތުގެ އިތުރުން، ދެކުނު އެފްރިކާއާއި ނައިޖީރިއާއިންވެސް ކޯވިޑް-19ގެ އައު ބާވަތެއް ފެނިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އިނގިރޭސިވިލާތަކީ އެހެން ޤައުމުތަކާ ޚިލާފަށް ޖީން-ސީކުއެންސް ގިނައިން ހަދާ ޤައުމެއްކަމުން އެ ޤައުމުން ކޯވިޑް-19ގެ އައު ބާވަތް ފަސޭހައިން ދެނެގަނެވުނަސް ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިފަދަ ބާވަތެއް ފެތުރެން ފަށާފައިވުން އެކަށީގެންވާކަމަށެވެ. އަދި އިނގިރޭސިވިލާތުން ފެނުނު އައު ބާވަތާ ގުޅިގެން ހަދަންޖެހޭ ރިސްކް އެސެސްމެންޓްތައް ހަދައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު އެކި ފަރާތްތަކާ މަޝްވަރާކުރައްވަމުންދާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާތަނަށް ބެލި ބެލުމުން ރާއްޖޭގައި ކޯވިޑް-19 އައު ބާވަތެއް އުޅޭކަން އަދި ފާހަގަކުރެވިފައިނުވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"ކުއްލިއަކަށް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ވަރަށް ބޮޑަށް ބަލާނަން. މީގެ ރިސްކް އެސެސްމެންޓް ހަދާ ދެންހުރި ޓެކްނިކަލް ކަންކަމަށްވެސް ބަލާ މަޝްވަރާކުރަމުން މިދަނީ. މީގެ އިތުރުން އިތުރު ސާމްޕަލްތައް ސީކުއެންސިންގއަށް ފޮނުވުމަށް ލެބްތަކާއި ބައްދަލުކޮށް އެކަމުގެ މަޝްވަރާތައްވެސް ކުރިއަށްއެބަދޭ. ރާއްޖޭން ކުރިންވެސް އެއް ބޭޗު ސީކުއެންސިންގއަށް ފޮނުވާ އޭގެ ނަތީޖާ ލިބިފައި މިވަނީ. މިހާތަނަށް ސީކުއެންސް ކުރެވުނު ހުރިހާ އެއްޗަކުންވެސް ރާއްޖޭގައި އެއް ވައްތަރެއްގެ ވައިރަސް މިއުޅެނީ. އިތުރު ސާމްޕަލްތައް ޓެސްޓްކުރަން ފޮނުވުމުގެ ކަންކަންވެސް ހަމަޖައްސަމުން މިދަނީ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި ކޯވިޑް-19ގެ އައު ބާވަތެއް ފެތުރެން ފެށުމާގުޅިގެން ދުނިޔޭގެ ބައެއް ޤައުމުތަކުން، އިނގިރޭސިވިލާތަށްކުރާ ދަތުރުފަތުރު ހުއްޓާލާފައިވެއެވެ. އެހެންނަމަވެސް ރާއްޖެއިން އެކަމުގައި އަދި ވަކިގޮތެއް ނިންމާފައިނުވެއެވެ. އެހެންނަމަވެސް ޙާލަތަށް އަންނަމުންދާ ބަދަލުތަކަށް ވަރަށް ބޮޑަށް ބަދަލުމުންދާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ، ކޯވިޑް-19ގެ އިތުރު ބާވަތެއް ނުވަތަ ވޭރިއެންޓެއް ފެތުރުމުގެ ފުރުޞަތު ކުޑަކުރުމަށްވެސް އެންމެ މުހިއްމީ މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުންކަމަށެވެ.

ވަކިން ޚާއްސަކޮށް ފަތުރުވެރިންނަށް ޚިދުމަތްދޭ އެކިއެކި ތަންތަނާއި ޢާއްމުޚިދުމަތްދޭ ތަންތަނާއި، ގެސްޓް ހައުސް ވިޔަފާރި ކުރާ ރަށްރަށުގައި އުޅޭ މީހުން މާސްކް އެޅުމާއި، އިޖްތިމާޢީ ގައިދުރުކަމަށް ޚާއްސަ ސަމާލުކަމެއްދޭންޖެހޭކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކުގެ ޢަދަދުތައް ދަށްވާން ފަށާފައިވީނަމަވެސް، ގައިޑްލައިންތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާ ކުޑަނުކުރުމަށް ޑރ.ނަޒްލާ ވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.