އިނގިރޭސި ލީގުކަޕުގެ ސެމީ ފައިނަލުގެ މެންޗެސްޓަރގެ ދެކުލަބު ވާދަކުރަން ޖެހިއްޖެއެވެ.
މުބާރާތުގެ ސެމީފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ނުކުންނާނީ ރަށުން ބޭރުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ. އެންމެފަހުން ލީގުގައި މި ދެޓީމު ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުގެންނެވެ. ޒަމާންވީ އަވަށްޓެރި ދެ ވާދަވެރިން ލީގުކަޕުގައި ސެމީފައިނަލުގައި ވާދަކުރާ މިއީ ވިދިވިދިގެން ތިންވަނަ ފަހަރެވެ. މީގެ ކުރިން ލަންޑަނުގެ ވާދަވެރި ދެކުލަބުކަމަށްވާ އާސެނަލް އާއި ޓޮޓްނަމް ވަނީ މުބާރާތުގެ ސެމީފައިނަލުގައި ހަމަ މިއަދަދަށް ވާދަކޮށްފައެވެ.
ސިޓީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ އާސެނަލް ބަލިކޮށްގެން ޔުނައިޓެޑުގެ ޖާގަހޯދީ އެވަޓަން ބަލިކޮށްގެނެވެ. މުބާރާތުގެ ފުރަތަމަފަހަރަށް ސެމީ ފައިނަލުން ޖާގަހޯދި އިނގިރޭސި ޗެމްޕިއަންޝިޕުގައި ވާދަކުރާ ބްރެންޓްފޯޑް ނުކުންނާނީ ރަށުން ބޭރުގައި ޓޮޓްނަމްއާ ދެކޮޅަށެވެ. މުބާރާތުގެ ކުއާޓަރ ފައިނަލުގައި ނިއުކާސަލް މައްޗަށް ކުރި ހޯދި ބްރެންފޯޑާއި ވާދަކުރި ޕްރިމިއަރ ލީގުގެ ހަތަރު ޓީމެއް ވަނީ މިފަހަރު މުބާރާތުން ކަޓައިފައެވެ.
ސެމީ ފައިނަލުގެ މެޗުތައް އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 4 ވަނަދުވަހުއެވެ. މިފަހަރު މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ވެންބްލީގައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް އަންނަ ސީޒަނުގައި ޔޫއެފާއިން އަލަށް ފަށާ ޔޫއެފާ ކޮންފަރެންސް ލީގުން ޖާގަ ލިބިގެންދާނެއެވެ.