ވިޔަފާރި

މ. މުލީގައި ހައިޑްރޮޕޯނިކްސް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި


މ. މުލީގައި ހައިޑްރޮޕޯނިކްސް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

ހައިޑްރޮޕޯނިކްސް ޕްރޮގުރާމްތަކަކީ ޒަމާނީ ވަސީލަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކުރިއަށްގެންދާ ޕްރޮގްރާމްތަކެކެވެ.

މުލީގައި ކުރިއަށްގެންދިޔަ ހައިޑްރޮޕޯނިކްސް ޕްރޮގްރާމްގެ ދަށުން އެރަށުގެ 10 ގެއެއްގައި ހައިޑްރޮޕޯނިކްސް މަސައްކަތް ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ޤާއިމްކޮށް އެފަރާތްތަކަށް ތަމްރީންވެސް ވަނީ ދީފައެވެ. އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވީ، މި ޕްރޮގުރާމްގެ މަޤްސަދަކީ ދަނޑުވެރިކަމަށް އެކަށީގެންވާ ބިން ލިބެން ނެތް ރަށްރަށުގައި އެރަށަކާއި އެންމެ އެކަށީގެންވާ ގޮތަކަށް ދަނޑުވެރިކަމުގެ މަސައްކަތެއްކޮށްގެން އާމްދަނީ ހޯދޭނެގޮތްތައް ފަހިކޮށްދިނުންކަމަށެވެ. މީގެއިތުރުން ޒުވާނުން ދަނޑުވެރިކަމުގައި ޝާމިލުވާ މިންވަރު އިތުރުކުރުމަކީވެސް މި ޕްރޮގްރާމްގެ މަޤްސަދެކެވެ.

މުލީގައި ހައިޑްރޮޕޯނިކްސް ޕްރޮގްރާމް ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. މި ޕްރޮގުރާމް މެދުވެރިކޮށް ޑީޕްފްލޯ ޓެކްނިކްގެ އެހީގައި ކިޔުކަންބާ އަދި ނިއުޓްރިއެންޓް ފިލްމް ޓެކްނިކްގެ އެހީގައި ޗައިނީޒް ކެބެޖް ލެޓިއުސް ފަދަ ތަރުކާރީ ހައްދާނެ ގޮތްތައް ވަނީ ކިޔާދީފައެވެ. މި ސިސްޓަމްތަކުގައި ހައްދާފައިވާ ތަކެތި އަންނަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައި ލިބޭނެކަމަށްވެސް އެގްރިކަލްޗަރ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ދަނީ ރާއްޖޭގެ ގިނަ ރަށްރަށުގައި ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ބަލައި ރައްޔިތުންނަށް ތަމްރީނާއި ވަސީލަތްތައް ފޯރުކޮށްދެމުންނެވެ. އެގޮތުން ހައިޑްރޮޕޯނިކްސް ޕްރޮގްރާމްތައް މީގެކުރިންވެސް އެކި ރަށްރަށުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.