ރާއްޖޭގެ މައި އެއަރޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި ޕްރައިވެޓް ޖެޓްތަކުގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރ މަހާއި އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރުމަހު ރާއްޖެ އައި ޕްރައިވެޓް ޖެޓްތަކުގެ %142 އިތުރުވެފައިވާކަމަށެވެ. އެގޮތުން ނޮވެމްބަރުމަހު އެއަރ ޓްރެފިކް މޫމަންޓްސްވެސް %33 އިތުރުވެ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް މިހާރު މަހަކުން މަހަކަށް އިތުރުވަމުން އަންނަކަމަށް އަރީފް ވިދާޅުވިއެވެ.
"އޮކްޓޯބަރާއި ނޮވެމްބަރާއި އަޅާކިޔާއިރު އެއަރ ޓްރެފިކް މޫމަންޓްސް ވަނީ %33 އިތުރުވެފައި. އަދި ފަސިންޖަރުންގެ އަދަދުވެސް ވަނީ %61 އިތުރުވެފައި. އަދި 2019 ވަނަ އަހަރުގެ ނޮވެމްބަރާއި 2020 ވަނަ އަހަރުގެ ނޮވެމްބަރަށް ޖެޓުތައް އައުމުގައި ގާތްގަނޑަކަށް %142 އިތުރުވެފައި. މިއީ އަޅުގަނޑުހިތުން ވަރަށް ބޮޑު ކުރިއެރުމެއް ކަންނޭންގެ. ވަރަށް ބައިވަރު މަސައްކަތްތަކެއް ކޮށްގެން އަޅުގަނޑުމެންނަށް މިކަން މި ހާސިލްކުރެވުނީ." އަރީފް ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި ޓެޖްތަކުގެ އަދަދު އިތުރުވެފައިވާއިރު މާފަރު އެއަރޕޯޓަށްވެސް ބޯޑަރު ހުޅުވާލިފަހުން ގިނަ އަދަދަކަށް އަންނަނީ ޕްރައިވެޓް ޖެޓްތައް ޖައްސަމުންނެވެ. އެގޮތުން މިދިޔަ އޮކްޓޯބަރުމަހާއި އަޅާބަލާއިރު ނޮވެމްބަރުމަހު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ޕްރައިވެޓު ޖެޓުތަކުގެ އަދަދު 59 އިންސައްތަ ވަނީ އިތުރުވެފައެވެ. ރާއްޖެއަކީ އަބަދުވެސް މުއްސަނދި ފަތުރުވެރިން ގިނަ އަދަދަކަށް އަންނަ ޤައުމެކެވެ.
ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތައް އިތުރުވަމުން އަންނައިރު ރާއްޖެ އަންނަ ބައިނަލްއަޤްވާމީ އެއަރލައިންތައްވެސް ވަނީ ބޯޑަރު ހުޅުވާލިފަހުން ވަރަށް ބޮޑަށް އިތުރުވެފައެވެ. ޖުލައިމަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިއިރު ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 4 އެއަރލައިނަކުންނެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރު ހުޅުވާލައި ފަތުރުވެރިކަން ފަށާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކުކަން މުޅި ދުނިޔެއަށް ހާމަވުމުގެ ސަބަބުން އެއަރލައިންތަކުން ރާއްޖެއަށް ދަތުރު ފެށުމުގެ ޝައުޤުވެރިކަން ފާޅުކުރަން ފެށިއެވެ. އެގޮތުން މިހާރު 20 އެއަރލައިނުން ރާއްޖެއަށް އަންނަނީ ދަތުރުކުރަމުންނެވެ. އަދި ފެބްރުއަރީ މަހާއި ހަމައަށް އިތުރު 13 އެއަރލައިން އަކުން ރާއްޖެއަށް ދަތުރުކުރާނެކަމަށް އެމްއޭސީއެލްއިން ހާމަކުރެއެވެ.