ދުނިޔެ

ސައުދީގެ ބޯޑަރުތައް ބަންދުކޮށް އުމްރާ މެދުކަނޑަލައިފި


ސައުދީގެ ބޯޑަރތައް އަނެއްކާވެސް ބަންދުކޮށްފިއެވެ. ސައުދީން އެ ޤައުމުގެ ބޯޑަރުތައް އަލުން ބަންދުކޮށްފައި މިވަނީ ޔޫރަފުގައި ކޯވިޑްގެ އައު ވައިރަހެއް ފެނި އެ ބަލި ފެތުރުން އެ ސަރަހައްދުގައި ކޮންޓްރޯލުން ނެއްޓިފައިވާ ދަނޑިވަޅެއްގައެވެ.

ސައުދީ ސަރުކާރުން ބުނީ އެ ޤައުމުގެ ކަނޑާއި ވައިގެ އިތުރުން އެއްގަމު ހުރިހާ ބޯޑަރެއްވެސް މިއަދުން ފެށިގެން ހަފްތާއަކަށް އަނެއްކާވެސް ބަންދުކޮށްފައިވާކަމަށެވެ. އަދި މި ނިންމުން ނިންމާފައިވަނީ ސައުދީގެ ސިއްހީ ވުޒާރާއިގެ ކުއްލި ބައްދަލުވުމަކަށްފަހުކަމަށެވެ.

ސައުދީ ސަރުކާރުން ބުނީ މި ނިންމުމާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މީހުންނަށް އުމްރާއަށް ހުޅުވާލާފައިވާ ފުރުސަތުވެސް މި މުއްދަތުގެ ތެރޭގައި ބަންދުވާނެކަމަށެވެ.

ސައުދީ ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅާއި އެކު އެޤައުމަށް މިމަހުގެ 8 ވަނަދުވަހުގެ ފަހުން ޔޫރަޕުން އެތެރެވި އެންމެން ދެ ހަފްތާއަށް އެކަހެރިވެ ތިބުމަށް ވަނީ އަންގާފައެވެ. އަދި ކޮންމެ ފަސް ދުވަހަކު ކޯވިޑަށް ޓެސްޓްކުރުމަށްވެސް ވަނީ އަންގާފައެވެ. އަދި ކޯވިޑްގެ އައު ވައިރަސް ފެތުރޭ ހިސާބަކުން މީގެ ތިންމަސްކުރިން ސައުދީއަށް އެތެރެވި މީހުންވެސް ކޯވިޑަށް ޓެސްޓްކުރުމަށް ވަނީ އަންގާފައެވެ.

ސައުދީއަށް އެތެރެވުން މަނާކުރިނަމަވެސް އެޤައުމަށް އެތެރެވެފައި ބިދޭސީން އެނބުރި އެމީހެއްގެ ޤައުމަށް ދިޔުމަށް ފުރުސަތު ދޭނެކަން ސައުދީ ސަރުކާރުންވަނީ ހާމަކޮށްފައެވެ.

ކޯވިޑްގެ އައު ވައިރަހެއް އިނގިރޭސިވިލާތުން ފެނި އެޤައުމު ވަނީ އަނެއްކާވެސް ފުރަ ބަންދުކޮށްފައެވެ. މިހާތަނަށް ފެނުނު ކޯވިޑް ވައިރަހަށްވުރެ މި ވައިރަސް ފެތުރޭ މިންވަރު މާ ފަސޭހަވެފައި ހަލުވިކަމަށްވެސް ސައިންސްވެރިން ވަނީ ބުނެފައެވެ.

މި ވައިރަހުގެ ނުރައްކާ އިނގިރޭސިވިލާތުގައި ބޮޑުވުމުން ޔޫރަފްގެ ޤައުމަތަކުންވެސް އަންނަނީ އިނގިރޭސިވިލާތަށް ކުރާ ދަތުރުތައް ހުއްޓާލަމުންނެވެ.